ކުޅިވަރު

ޔޫވީ ބަލިކޮށް ވެލެންސިއާ ހަތަރުވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ލީގު ތާވަލުގެ ހަތަރުވަނައަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާނު) ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ މުޙައްމަދު އުމެއިރެވެ.

މި މެޗުގައި ވެލެންސިއާއިން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އަސްހަދު އަލީ (އަޑުބަރޭ) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔާނުއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔޫވީއަށް ވަނީ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އިވާން ވެރާސް ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ޔޫވީގެ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އަށް ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ވެލެންސިއާއިން ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ޔާނު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޑުބަރޭއެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި އިވާން ވަނީ ޔޫވީއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗާއެކު ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމިގެންދިޔައިރު، ތާވަލުގެ ހަތަރު ވަނައަށް ވެލެންސިއާ ޖެހިލީ ކުޅުނު 14 މެޗުން ލިބުނު 19 ޕޮއިންޓާއެކުުއެވެ. އަދި ތާވަލުގެ ތިންވަނައިގައި ޔޫވީ އޮތީ 14 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.