ސިޔާސީ ޕާޓީތަކުގެތެރެއިން ޤާނޫނުގައި ކަނޑައެޅިފައިވާ ޢަދަދަށް މެންބަރުންގެ ޢަދަދު ހަމަކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ދިން މުއްދަތުގެ ތެރޭގައި އެޕާޓީން މެންބަރުން ހަމަކޮށްފިއެވެ.
މެމްބަރުންގެ ޤާނޫނީ ޢަދަދު ހަމަކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އެޕާޓީއާ ހަވާލުކުރައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3،000 މެންބަރުންގެ ސޮއިއާއިއެކު ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000އަށްވުރެ ދަށްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ދިން މުއްދަތުގައި ހަތަރު ޕާޓީންވެސް ވަނީ ޤާނޫނީ އަދަދު ހަމަވާ ވަރަށް ފޯމު ހުށަހަޅާފައެވެ.
ޤާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.
މިޕާޓީތަކުގެ ތެރެއިން އެމްއާރުއެމްއާއި، އެމްޓީޑީގެ މެމްބަރުންގެ ޢަދަދު ހަމަވިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް ކުރިން އަންގާފައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.