ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް އީގަލްސްއިން މާޒިޔާގެ ފުލުގައި ވިއްދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބް އީގަލްސްއިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފުލުގައި ވިއްދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އިމްރާން ނަޝީދު (އިންމަ) ގެ އެހީތެރިކަމާއެކު މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަސަން (އައްމަޑޭ)އެވެ. މި ލަނޑަށްފަހުވެސް އީގަލްސްއިން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ އަބްދުﷲ ޖުނައިދު (ޖެންނެ) އެވެ.

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ އިތުބާރު ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 76 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އަލުން ލީޑު ނަގާފައެވެ. މިއީ ދަ ގްރާންޑޭގެ ކޮލަމްބިއާ ޑިފެންޑަރު އިވާން ސައިސޭޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ލަނޑެއް ޖެހި ނަމަވެސް، ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފައެވެ. އެގޮތުން ތާވަލުގެ އެއްވަނައިގައި ކުޅުނު 14 މެޗުން ލިބުނު 39 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ދެވަނައިގައި އޮތް އީގަލްސްއަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފައެވެ. އަދި ދަ ގްރާންޑޭ އޮތީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ.