ޚަބަރު

"ވެއިޓަރަށް ހަމަލާދީ މަރާލެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި"


ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގެ އެކުގައި މަސައްކަތްކުރި ވެއިޓަރަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއަކުންކަމަށް ދައުވާލިބޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަަމަލާދީ މަރާލާފައިވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައެވެ. މި މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުގައި ފެށި ޝަރީޢަތުގައި ތަރުޖަމާނެއްގެ އެހީގައި ދައުލަތުން އިއްވި ދައުވާގައި ވިދާޅުވީ ހާންޖީ ރެސްޓޯރެންޓްގެ ބަދިގޭގައި ބަންގްލަދޭޝް މީހާއަށް ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ އާބިދު ހަމަލާދީ މަރާލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެންކަމަށެވެ. އަދި އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ދައުވާ އިއްވުމުން، އާބިދުގެ ވަކީލް ވަނީ ދައުވާ ސާފުކަމަށް ވިދާޅުވެ، ދައުވާއަށް އިންކާރު ކުރާކަން ހާމަކޮށްފައެވެ.

ދައުވާއަށް އިންކާރުކުރާ ސަބަބަކީ ކޮބައިތޯ މައްސަލަ ބައްލަވާ ޤާޟީ ސުވާލުކުރެއްވުމުން އާބިދުގެ ވަކީލް ވިދާޅުވީ، އެ ހާދިސާ ހިނގިރޭ އެ ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޯ ބުރާންތިވެފައިކަމަށެވެ. އެހެންކަމުން، ވަޅިން ހަމަލާދެވުނީ އާބިދުގެ އަމިއްލަ ނަފްސުގެ ދިފާއުގައިކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ. އަދި ހަމަލާދެވުނުއިރު ބޭނުން ކުރެވުނީ ވަޅިއެއްކަން އާބިދަށް ނޭނގޭ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އާބިދުގެ ވަކީލް ވިދާޅުވީ، ގަސްދުގައި މީހަކު މެރިކަމަށް ދައުވާގައި އޮތްނަމަވެސް، ގަސްދުގައި މީހަކު މަރާފައި ނުވާނެތީވެ އެކަމަށް އާބިދު އިންކާރު ކުރަނީކަމަށެވެ.

ދައުވާއަށް އިންކާރުކުރުމުން، ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ހެކި ހުށައަޅާފައެވެ. ނަމަވެސް އެ ހެކީގެ ތަފްސީލް ހާމައެއް ނުކުރެއެވެ. ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓެއް ސިއްރުކުރަން ދައުލަތުން ވަނީ އެދިފައެވެ.

މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ދައުލަތުން ހުށައަޅާ 11 މީހެއްގެ ހެކިބަސް އަންނަ މަހުގެ ދެވަނަ ދުވަހު ނަގާނެކަމަށެވެ. އަދި އާބިދުގެ ދިފާއުގައި ހެކި ހުށައެޅުމަށް ބޭނުންވޭތޯ ޤާޟީ ސުވާލުކުރެއްވުމުން، އޭނާގެ ވަކީލް ވިދާޅުވީ ހެކި ހުށައެޅުމަށް ފަސް ދުވަހުގެ ފުރުޞަތެއް ބޭނުންވާކަމަށެވެ. އަދި ހެކި ހުރެއްޖެނަމަ އެ މުއްދަތުގައި ހުށައަޅާނެކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭގައި މިދިޔަ ރޯދަމަހު ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައި ވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.