ކުޅިވަރު

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖޭގެ ޓީމަށް ޖުމްލަ 10 ގައުމީ ރިކޯޑު


ހަންގޭރީގެ ބުޑަޕެސްޓުގައި މިހާރު ކުރިއަށްދާ 19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުން 10 ގައުމީ ރިކޯޑު އާކޮށް، މުބާރާތް ނިންމާލައިފިއެވެ.

މި މުބާރާތުގައި ވާދަކުރި ދިވެހި ފެތުންތެރިންނަކީ މުޙައްމަދު އާން ހުސައިން އާއި، އައިޝަތު ސައުސަން އާއި، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާހީމެވެ.

މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އެންމެ ފަހުން އާކުރި ގައުމީ ރިކޯޑަކީ ލޯންގް ކޯސް މިކްސްޑް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު ރާއްޖޭގެ ޓީމުން އާކޮށްފައިވަނީ 4 މިނެޓު 18.44 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 7.47 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ، 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި 4 މިނެޓު 25.91 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން މި މުބާރާތުގައި އާން ވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާކޮށްފައެވެ. މި ރިކޯޑު އާން އާކުރީ 56.96 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިއާއެކު މި ފަހަރުގެ މުބާރާތުގައި އާން ވަނީ ތިން ގައުމީ ރިކޯޑެއް އާކޮށްފައެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މީގެ 10 އަހަރު ކުރިން، 2012 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކް ގޭމްސްގައި އަޙްމަދު ހުސާމެވެ. އެ ފަހަރު ހުސާމް އިވެންޓު ފުރިހަމަކޮށްފައިވަނީ 57.53 ސިކުންތުންނެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން 10 ގައުމީ ރިކޯޑެއް އާކުރިއިރު، މިދިޔަ އަހަރު ޔޫއޭއީގައި ބޭއްވި ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭން ވަނީ ނުވަ ގައުމީ ރިކޯޑެއް އާކޮށްފައެވެ.