ޚަބަރު

ތިނަދޫގެ ބައެއް މުޢައްސަސާތަކަށް ކަރަންޓު ފޯރުކޮށްދީފި


ތިނަދޫގެ ބައެއް މުޢައްސަސާތަކަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.ތިނަދޫ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗާއި، ޤައުމީ ޔުނިވާސިޓީގެ ދަނާލަށްވެސް ކަރަންޓްގެ ހިދްމަތް މިއަދު މެންދުރުވަނީ ފޯރުކޮށްދޭން ފަށާފައެވެ. ތިނަދޫ ކައިރީގައި އޮންނަ ރިސޯޓެއް ކަމަށްވާ އަމާރީ ހަވޮއްޑާ ރިސޯޓުން ފޮނުއްވި ޖަނެރޭޓަރު އިންސްޓޯލްކޮށް ނިންމުމަށްފަހު ޚިދުމަތް ދެއްވަން ފަށާފައިވަނީ، މިއަދު އެކެއްޖެހިއިރުއެވެ. މި މިޢައްސަސާތަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 125 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ބޭނުންކޮށްގެންނެވެ. ބޭންކު އޮފް މޯލްޑިވްސްގެ ތިނަދޫ ބްރާންޗަށް ކަރަންޓު ފޯރުކޯށްދެއްވުމަށް އިސްކަން ދެއްވީ، މުވައްޒަފުންގެ މުސާރަ ދިނުމަށާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދު ކުރެވޭނީ ބޭންކުގެ ޚިދުމަތް ދޭން ފެށުމުންކަމަށް ޤަބޫލްކުރެވޭތީކަމަށް ފެނަކަ ކޯޕަރޭޝަން ތިނަދޫ ބްރާންޗުން މަޢޫލޫމާތުދެއްވައެވެ. އަދި ތިނަދޫގައި ހުންނަ ދަނާލަށް ކަރަންޓު ފޯރުކޮށްދެއްވީ ދަނާލަކީ އެހެނިހެން ރަށްރަށުން ތިނަދޫގެ ޔުނިވާސިޓީ ކެމްޕަހުގައި ތަޢުލީމް ހާޞިލްކުރާ ދަރިވަރުން ތިބޭ ތަންކަމަށްވާތީ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ތިނަދޫގައި ހުރި މުހިންމު މުޢައްސަސާތަކަށް އިރު އޮއްސުމުގެ ކުރިން ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާކަން ފެނަކަ ކޯޕަރޭޝަން ތިނަދޫ ބްރާންޗުން ފާހަގަކުރައްވައެވެ.