ކުޅިވަރު

ޓީސީ އަތުން ގްރީން ސްޓްރީޓްސްއަށް މޮޅެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ކުލަބު ގްރީން ސްޓްރީޓްސްއިން މޮޅަކާއެކު ދެވަނަ ބުރު ނިންމާލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ގްރީނަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ގްރީންގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ފޮނުވާލި ހަމަލާ ޓީސީގެ ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. މިއީ ގްރީންގެ ޕެނަމާ ފޯވާޑް ހުއާން ކާލޯސްއަށް އޭރިއާ ތެރެއިން ޓީސީގެ އަޙްމަދު ރިލްވާން (ބެން) ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން ރިލޭ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ 30 ވަނަ މިނެޓުގައި ޓީސީއަށްވެސް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ޓީސީގެ މިސްރުގެ ފޯވާޑް އޮމަރު ސަލާހު ޖެހި ޕެނަލްޓީ ގްރީންގެ ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގްރީންގެ ހުއާން ކާލޯސް ހެނާންޑޭޒް އަވީލާ ޖެހި ބޯޅަ އަމާޒުވީ ޓީސީގެ ގޯލްކީޕަރު ސުޖަންގެ އަތަށެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޓީސީގެ އަޙްނަފް މުޙައްމަދު ތަސްނީމް (ނަފްކޮ)، ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ނަތީޖާ ހަމަހަމަކުރަން މެޗުގެ 75 ވަނަ މިނެޓުގައި ޓީސީން ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުމަކުން ހަމްދޫން އަބްދުލް ލަތީފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ ފަސްވަނައަށް ގްރީން ޖެހިލާފައިވާއިރު، އެ ޓީމަށް ކުޅުނު 14 މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. އަދި މެޗުން ބަލިވި ޓީސީއަށްވެސް 14 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ލީގު ތާވަލުގެ ހަތަރުވަނައިގައި ޓީސީ އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ.