އެމެރިކާގައި ޢާންމު ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމަށް ޤާނޫނުން ދީފައިވާ ޙައްޤު ހަނިކުރާ ބިލެއް ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ. މިއީ، 30 އަށް އަހަރުގެ މުއްދަތަކަށް ފަހު، މި ފަދަ ބިލެއް ފާސްކޮށް، ތަސްދީޤު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މިއީ، ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާ ބައިޑަން ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ދާނެ ކަމުގައެވެ.
އެމެރިކާގެ ކޮންގްރެސްއިން މި ބިލު ފާސްކޮށްފައި ވަނީ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީއާއި، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތާޢީދާ އެކުގައެވެ. ހަތިޔާރު ގެންގުޅުމުގެ ޙައްޤު ހަނިކުރުމަށް ޑިމޮކްރެޓުން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެފައި ވާއިރު، މިއީ ރިޕަބްލިކަން ޕާޓީން ޤަބޫލު ބަދަލެއް ނޫނެވެ. ނަމަވެސް، މި ފަދަ ބިލެއް ވުޖޫދުކޮށްފައި މި ވަނީ ދާދި ފަހުން އެ ޤައުމުގައި ދިން ބަޑީގެ ހަމަލާތަކެއްގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ދަނޑިވަޅެއްގައެވެ.
މި ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުވާލްޑޭ އަދި ބަފަލޯގައި ދިން ބަޑީގެ ހަމަލާތަކެއްގައި 30 އަށްވުރެ ގިނަ މީހުން ވަނީމަރައިލާފައިވެއެވެ. މީގެ ތެރޭގައި ސްކޫލެއްގެ 19 ދަރިވަރުން ވެސް ހިމެނެއެވެ. ނަމަވެސް، މި ޤާނޫނަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތި ކުރާނެ ކަމަށް ބެލެވެއެވެ.
މި ބިލު ތަސްދީޤު ކޮށްފައި މި ވަނީ، އެމެރިކާގެ ޢާންމު ރައްޔިތުންގެ ތެރެއިން ހަތިޔާރު ގެންގުޅޭ މީހުންގެ ޙައްޤުތައް އިތުރަށް ފުޅާ ކުރަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވާވެސް ދަނޑިވަޅެއްގައެވެ. އެ ކަމަށް ބައިޑަން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި، އެއީ ވަރަށް ހިތާމަވެރި ނިންމުމެއްގެ ގޮތުގައި ބައިޑަން ސިފަ ކުރައްވައެވެ.
ބައިޑަންގެ ޤާނޫނަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މި ޤާނޫނުގެ ދަށުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މާރާމާރީއާއި ގެވެށި އަނިޔާގެ ކުށް ސާބިތުވެފައިވާ މީހުންނަށް ހަތިޔާރު ވިއްކުން މަނާ ވާނެއެވެ. އަދި، މިހާރު ވެސް ހަތިޔާރު ގެންގުޅޭ މީހުންގެ ތެރެއިން އެހެން މީހުންނަށް ނުރައްކަލެއްގެ ގޮތުގައި ބެލެވޭ މީހުންގެ އަތުން ހަތިޔާރު އަތުލެވޭނެއެވެ. އަދި، ހަތިޔާރު ވިއްކުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑް ޗެކްތައް ހެދުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.