ޗައިނާގެ ވެރިރަށް ބެއިޖިންގް އަދި ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ. މާރިޗާއި މޭ މަހުގެ ތެރޭގައި މި ދެ ސިޓީގައި ހަލުވި ކަމާއެކު ކޮވިޑްގެ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން ފެތުރިގެންދިޔައެވެ. އަދި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. މީގެ ތެރޭގައި، ގިނަ ސަރަޙައްދުތަކެއް ފުރަބަންދުކޮށް، އެއްވެ އުޅުން މަނާކޮށް، ސްކޫލުތަކާއި އޮފީސްތައް ބަންދު ކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. ޝެންގްހާއީގައި އަމަލު ކުރަމުންދިޔަ ފުރަބަންދު އަމުރު ދެ މަސް ދުވަހުގެ މުއްދަތަކަށް ފަހު އުވައިލާފައި ވަނީ ޖޫން މަހުގެ 1ވަނަ ދުވަހުއެވެ.
ޖޫން މަހުގެ 2ވަނަ ދުވަހު، ބެއިޖިންގްގެ މަތީ ސާނަވީ ސްކޫލްތަކުގެ ދަރިވަރުން ސްކޫލުތަކަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައިވެއެވެ. އަދި، ޕްރައިމަރީއާއި ސާނަވީ ސްކޫލްތަކުގެ ދަރިވަރުން ސްކޫލުތަކަށް ހާޒިރުކޮށްގެން ކިޔައިދޭން ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އަދި، އެއަށްވުރެ ހަގު އުމުރުފުރައިގެ ކުދިންނަށް އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސްކޫލަށް ހާޒިރު ވެވޭނެއެވެ.
މީގެ އިތުރުން، ކުޅިވަރު ހަރަކާތްތައް ފެށުމުގެ ހުއްދަ ވެސް މި ވަނީ ދީފައެވެ. މި ގޮތުން، ސްކޫލުތައް ފިޔަވައި އެހެނިހެން ތަންތަނުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވައިލާނެއެވެ. ނަމަވެސް، އެ ކަން ކުރެވޭނީ ޝަރުޠުތަކަކާ އެކުގައެވެ. މި ގޮތުން، ކުޅިވަރު ހަރަކާތްތައް ބާއްވާ ސަރަޙައްދަކީ، ފާއިތުވި 7 ދުވަހުގެ ތެރޭގައި ކޮވިޑްގެ ކޭސްއެއް ފެނިފައިވާ ސަރަޙައްދަކަށް ވެގެން ނުވާނެއެވެ.
މިދިޔަ ހުކުރު ދުވަހު ޝެންގްހާއީއިން ކޮވިޑްގެ އެއްވެސް ކޭސްއެއް ރިޕޯޓް ކޮށްފައެއް ވެސް ނުވެއެވެ. މިއީ، ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި އެ ސިޓީން މި ބަލީގެ އައު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ފުރަތަމަ ފަހަރެވެ. ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ އިސްވެރިއަކު މި ކަން ސިފަ ކޮށްފައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި، މިއީ ރައީސް ޝީ ޖިންޕިންގްގެ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ރަނގަޅު ނަތީޖާ ކަމަށް ބުނެފައެވެ.
ނަމަވެސް، ކޮވިޑްގެ ބިރުވެރިކަން އެ ސިޓީން އަދި ފިލައިގެނެއް ނުދެއެވެ. މި ގޮތުން، ގިނަ ސްކޫލުތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައި ނުވާއިރު، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ޚިދުމަތް ދިނުން އަދިވެސް އޮތީ މަނާކޮށްފައެވެ. އަދި، ޖުލައި މަސް ނިމެންދެން، އެ ސިޓީގެ 25 މިލިޔަން ރައްޔިތުން، ކޮންމެ ހަފުތާ ބަންދެއްގައި ޕީ.ސީ.އާރް. ޓެސްޓު ހަދަން މަޖުބޫރު ވާނެއެވެ.
ޝެންޒެންގައި ވެސް އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާ އެކު، މާރިޗު މަހުގެ ތެރޭގައި ހަފުތާއެއްގެ މުއްދަތަށް ފުރަބަންދު އިޢުލާނުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އަދި، ހުސްވި ހަފުތާ ބަންދުގެ ތެރޭގައި ކޮވިޑްގެ އައު 6 ކޭސް ފެނުމާ އެކު، އެ ސިޓީގެ ސިނަމާތަކާއި ޕާކުތައް އަނެއްކާ ވެސް މި ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، ގިނަ މީހުން އެއްވާ ހަރަކާތްތައް ވެސް ވަނީ މަނާކޮށްފައެވެ.
ޝެންޒެންގައި އަޅާފައި ވަނީ ވަރަށް ވެސް ހަރުކަށި ފިޔަވަޅުތަކެކެވެ. މި ގޮތުން، ޢާންމު ތަންތަނުގެ ގޮތުގައި ބެލެވޭ ތަންތަނަށް ވަދެވޭނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަ މީހުންނަށް އެކަންޏެވެ. ނަމަވެސް، 48 ގަޑިއިރު ކުރިން ހަދާ ޓެސްޓެއްގެ ނެގެޓިވް ނަތީޖާއަކާ އެކު ޢާންމު ތަންތަނަށް ވަނުމުގެ ހުއްދަ މީގެ ކުރިން ދީފައިވެއެވެ.