ކުޅިވަރު

ނިއު ރޭޑިއަންޓުން ބޭރު ތިން ކުޅުންތެރިންގެ ސޮއި ހޯދައިފި


ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބޭރު ތިން ކުޅުންތެރިންގެ ސޮއި ހޯދައިފިއެވެ.

ފީފާއިން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންނެވެ. އެކަމަކު މިދިޔަ ހަފްތާގައި ނިއުއިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ދައްކާފައެވެ. އެއާއެކު ފީފާއިން ވަނީ ނިއުގެ ސަސްޕެންޝަން އުވާލާފައެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާން ނިއުއިން މަސައްކަތް ފަށާފައިވާއިރު، މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އެ ކުލަބުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. އެ ކުލަބުން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސޮބާޙްގެ އިރުޝާދުގެ ދަށުންނެވެ.

ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ދާން އަމާޒު ހިފާފައިވާ ނިއުއިން ވަނީ އެ ކުލަބްގެ ސްކޮޑް ވަރުގަދަ ކުރުމަށް ބޭރުގެ ތިން ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އެއީ އުޒްބެކިސްތާންގެ މިޑްފިލްޑަރަކާއި، ގާނާގެ މިޑްފިލްޑަރެއްގެ އިތުރުން ގާނާގެ ޑިފެންޑަރެކެވެ. މި ތިން ކުޅުންތެރިންވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

ނިއު އެކޭ އެއްގޮތަށް ދަރަނީގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައި އޮތް ވާދަވެރި ވިކްޓްރީން ފައިސާ ދެއްކުމުން ސަސްޕެންޝަނުން ސަލާމަތްވެފައިވާއިރު މިހާރު އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުންނެވެ.