ކުޅިވަރު

ލަންކާ ޓުއާގެ ތިންވަނަ މެޗުންވެސް ރާއްޖެއަށް މޮޅެއް


އަންނަ ޖުލައި މަހު މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ކްރިކެޓް ޓީމުން މިހާރު ސްރީ ލަންކާގައި ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ތިންވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

މި ޓުއާގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ލިބަޓީ ސީސީއަތުން މޮޅުވީ ކެޕްޓަން އަޒްޔާން ފަރުހަތުގެސެންޗަރީއާއެކު 57 ލަނޑުންނެވެ. ދެވަނަ މެޗުގައި ސްރީލަންކާ ލައިޓް އިންފެންޓްރީއާ ވާދަކޮށް ރާއްޖެ މޮޅުވީ ފަސް ލަނޑުންނެވެ. އަދި ތިންވަނަ މެޗުގައި ރާއްޖޭން ނުކުތީ ސްލިޓް ޔުނިވަރސިޓީއާ ދެކޮޅަށެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ދެ ލަނޑުންނެވެ.

ލަންކާ ޓުއާގައި ޖުމްލަ ހަތް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، އިއްޔެގެ މެޗު ކުރިއަށްދިޔައީ ކޮލަމްބޯގެ މޮރަޓުވާ ސްޓޭޑިއަމްގައެވެ. ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ބެޓް ކުރުމަށެވެ. ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ރާއްޖޭން ވަނީ 120 ލަނޑު އެއްކޮށްފަ އެވެ. ރާއްޖޭން އެންމެ ގިނަ ލަނޑު އެއްކުރީ 32 ބޯޅައިން 29 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 17 ބޯޅައިން 25 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދުއެވެ.

ޖަވާބުގައި ސްލިޓުން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ. ރާއްޖޭގެ އަމީލް މައުރޫފް އާއި ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފައެވެ.

ސްރީ ލަންކާ ޓުއާގައި ދެން ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ނުކުންނާނީ ޕެނަޑޫރާ ސްޕޯޓްސް ކްލަބާއި ޕްރިންސް އޮފް ވޭލްސް ކޮލެޖްގެ 19 އަހަރުން ދަށުގެ ޓީމާއި އަދި ސްރީ ލަންކަން ނެޝަނަލް ޑެފް ކްރިކެޓް ޓީމާ ދެކޮޅަށެވެ.