ކުޅިވަރު

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް: އާން އިތުރު ގައުމީ ރިކޯޑެއް އާކޮށްފި


ހަންގޭރީގެ ބުޑަޕެސްޓުގައި މިހާރު ކުރިއަށްދާ 19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ތަޖުރިބާކާރު ފެތުންތެރިޔާ، މުޙައްމަދު އާން ހުސައިން ގައުމީ އިތުރު ރިކޯޑެއް އާކޮށްފިއެވެ.

އާން މި ފަހަރު އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. އެގޮތުން އާން މި ރިކޯޑު އާކޮށްފައިވަނީ 29.57 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ގައުމީ ރިކޯޑު އެންމެފަހުން އާކޮށްފައި ވަނީ 2019 ވަނަ 18 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސްގައި އަލީ އިމްއާން، 30.86 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ބުޑަޕެސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން މިހާތަނަށް އަށް ގައުމީ ރިކޯޑެއް އާކުރިއިރު، އޭގެ ތެރެއިން ދެ ގައުމީ ރެކޯޑެއް އާކުރީ އާންއެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އާކޮށްފައެވެ. އެ ރިކޯޑު އާން އާކޮށްފައިވަނީ 1 މިނެޓު 5.77 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ.

ބުޑަޕެސްޓުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުންތެރިއަކު ވާދަކުރަމުން އަންނައިރު، އެ ފެތުންތެރިންނަކީ އާންގެ އިތުރުން މުބާލް އައްޒާމް އިބްރާހީމާއި، ހަމްނާ އަޙްމަދު އަދި އައިޝަތު ސައުސަންއެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގައި ހޯސްޓްކުރި ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވަނީ ނުވަ ގައުމީ ރިކޯޑެއް އާކޮށްފައެވެ.