ކުޅިވަރު

ވެމްކޯ އާއި ސިޓީއަށް ރަނގަަޅު ފެށުމެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ފުރަތަމަ މެޗުތައް ކުލަބު ވެމްކޯ އާއި ސްޕޯޓްސް ކުލަބު ސިޓީން ކާމިޔާބުކޮށްފިއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށިއިރު، ހަވީރު ކުޅުނު މެޗުން ވެމްކޯ މޮޅުވީ އޮފު އެފްސީ އަތުން 3-1 ސެޓުންނެވެ. އެއާއެކު މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ވެމްކޯއިން ވަނީ ތިންވަނަ ފަހަރަށް އޮފު އެފްސީ ބަލިކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގައި އޮފު އެފްސީ އަތުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ. އަދި އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގައިވެސް ވެމްކޯ ވަނީ 3-1 ސެޓުން މޮޅުވެފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި އޮފު އެފްސީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ 25-22 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އެކަމަކު އަނެއް ދެ ސެޓުގައި އޮފު އެފްސީ ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އަދި ވެމްކޯއިން އެ ދެ ސެޓުގައި ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ވަނީ 25-21 އަދި 25-21 އިން ދެ ސެޓު ގެންގޮސް ހަމަޖެހިލާފައެވެ.

މި މެޗުގެ ހަތަރުވަނަ ސެޓު ފެށިއިރު ވެމްކޯއިން ރަނގަޅު ލީޑެއް ނެގި ނަަމަވެސް، ފަހުން ހެދުނު ގޯސްތަކެއްގެ ސަބަބުން އޮފު އެފްސީއަށް ނަތީޖާ އަނބުރާލަން ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ވަގުތު ކުޅުން ރަނގަޅުކޮށް ވެމްކޯއިން ވަނީ 25-20 އިން ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ގުޑީސް ސްޕޯޓްސް ކުލަބު އަތުން ސީދާ ތިން ސެޓުންނެވެ.

ނިމިގެންދިޔަ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދައި، ރަނގަޅު ފޯމެއްގައި އޮތް ސިޓީން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި މެޗުގައި ސިޓީގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނާޔަކް ރޮކާޅޭ އާއި، ހަރްދީޕް ސިންގް އަދި ވިނީތު ކުމާރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އެ ކުޅުންތެރިންގެ އެހީއާއެކު މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ 25-16، 25-20 އަދި 25-11 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގައިވެސް ވާދަކުރި ހަ ޓީމާއެކު ލީގުގެ ކުޅުން ފެށިގެންދިޔައިރު، މި ސީޒަނުގެ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ. އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ލީގުގެ ކުޅުން ނިމިގެންދާއިރު، ގައުމީ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އެ މަހުގެ ހަތަރުވަނަ ދުވަހެވެ.