ވިޔަފާރި

އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 12.3 ބިލިއަން ރުފިޔާ


މިއަހަރުގެ މިހާތަނަށް ދައުލަތަށް 12.3 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތާފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޙަރަދުތަކާއި އާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން ޖޫންމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 12.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 9.5 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 29 އިންސައްތަ އިތުރު އަދަދެެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ޓެކްސްއިން ލިބޭ ޢާމްދަނީ ކަމަށްވާއިރު، ޓެކްސް ޢާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 8.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 6.7 ބިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑުގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 15.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު 22 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތުގެ ޙަރަދު 15.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 11.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޙަރަދެވެ. ރިކަރަންޓު ޙަރަދުތަކުގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ޙަރަދުތަކެވެ. އަހަރުގެ މިހާތަނަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 4.5 ބިލިއަން ރުފިޔާ ޙަރަދުވެފައިވެއެވެ.

އިދާރީ އަދި ހިންގުމުގެ ޙަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ބައެއް ޙަރަދެއް ހިނގާފައިވަނީ ސަބްސިޑީސްއަށެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުން ސަބްސިޑީސްއަށްކޮށްފައިވާ ހޭދަވަނީ 605 މިލިއަނަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 496 މިލިއަންގައެވެ.

ތެލުގެ ސަބްސިޑީއަށްވެސް އަހަރުގެ މިހާތަނަށްވަނީ ދައުލަތުން ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން 910 މިލިއަން ރުފިޔާ ފިއުލް ސަބްސިޑީގެ ގޮތުގައި ދައުލަތުންވަނީ ޙަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ދައުލަތުން ޙަރަދުކޮށްފައިވާ 96.3 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު، ގާތްގަނޑަކަށް 814 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 4 ބިލިއަން ހަރަދުކޮށްފައިވެއެވެ. އޭގެތެރެއިން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.

ކޯވިޑަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވަމުންދާއިރު، ރަޝުއާ – ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތަކެތީގެ އަގުތައް ދަނީ ދުނިޔޭގެ ބާޒާރުގައި އުފުލެމުނެނެވެ. އެގޮތުން ތެލުގެ އަގުތައް ވަރަށް ބޮޮޑަށް އުފުލިފައިވާއިރު، މީގެ އަސަރުތައް ރާއްޖޭގެ އިޤްތިސާދަށްވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން ދަނީ މިހާލަތުގައިވެސް ހަރަދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.