ޚަބަރު

ރޯގާ އިތުރުވާތީ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި


ހުމާއި ރޯގާ އިތުރުވާތީ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިއެވެ.

އައިޖީއެމްއެޗްއިން ބުނީ ފްލޫ ކްލިނިކްގެ ޚިދުމަތް އަލުން ފަށާފައި މިވަނީ، މި ދުވަސްވަރު ހުމާއި ރޯގާ ޖެހިގެން އައިޖީއެމްއެޗަށް ދައްކާ މީހުންގެ އަދަދު އިތުރުވާތީކަމަށެވެ. އަދި މިކަމާއި ގުޅިގެން ކުރިން ޚިދުމަތް ދެމުން އައިގޮތަށް އަނެއްކާވެސް، ހުމާއި ރޯގާއަށް ޑޮކްޓަރަށް ދެއްކުމަށް ކޮސްޕިޓަލްގައި ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗްއިން ބުނީ ކްލިނިކްގެ ޚިދުމަތް ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ލިބޭނެއެވެ.

އައިޖީއެމްއެޗުން ވަނީ ހޮސްޕިޓަލަށް އަންނަ މީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މާސްކު އެޅުމާއި އަދި ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު އާއްމު ރޯގާތައް ފެތުރުން އިތުރުވެފައިވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވެސް ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޑެންގީއާއި، ހުމާއި އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށް ހިންގުންވެސް މިދުވަސްވަރު އިތުރުވެފައިވާކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މޭމަހު ޑެންގީގެ 185 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި ހުމާއި ރޯގާގެ 13361 ކޭސްވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ހޮޑުލުމާއި ބޭރަށްހިންގުން ޖެހިގެން މިދިޔަމަހު 1824 މީހުން ޑޮކްޓަރަށް ދެއްކިއެވެ.