ވިޔަފާރި

ރިސޯޓްތަކުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދު ބޮޑުކުރަނީ


ރިސޯޓްތަކުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމިއްޔާ، މަޓީގެ ކަންބޮޑުވުން މިކަމާއި ގުޅިގެން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މަޓީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އެމީހުންގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް މަސްވެރިކަމުގެ ހަރަކާތްތައް ރިސޯޓްތަކާއި ކައިރީގައި ކުރާތީއެވެ. އެ ޖަމިއްޔާއިން ވަނީ ރިސޯޓްތަކުގެ އިހްތިސާސްތަކުގައި މިހާރު ހިމެނޭ 500 މީޓަރު 1000 މީޓަރަށް ބޮޑުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅާފައެވެ.

ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ ޤަވައިދުގައި ކުރިން ރިސޯޓްތަކުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1000 މީޓަރެވެ. ނަމަވެސް ކުރީގެ ސަރުކާރުން މި އަދަދު ވަނީ 500 މީޓަރަށް ކުޑަކޮށްފައެވެ. އެހެންކަމުން މިއީ މި ސިނާއަތުގެ ވަރަށް ބޮޑު ކަންބޮޑުވުމަކާއި ގުޅިފައިވާކަމެއްކަން މަޓީން ފާހަގަކުރެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރިސޯޓްތަކުގެ ސަރަހައްދު 500 މީޓަރުން 1000 މީޓަރަށް ބަދަލުކުރުމަށް މަޓީން ހުށައަޅާފައިވާ ހުށައެޅުން ސަރުކާރުން ބަލައިގަންނަކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މިހާރު މަޝްވަރާކޮށްފައިވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

"މަޓީން އެންމެ ފަހުން ހުށައަޅާފައިވާ ހުށައެޅުންކަމަށްވާ ރިސޯޓްތަކުގެ ސަރަހައްދު 500 އިން 1000 މީޓަރަށް ބަދަލުކުރުމުގެ ހުށައެޅުން އަޅުގަނޑުމެން ބަލައިގަންނަން. މިކަމާއިމެދު މިހާރު ވަނީ މަޝްވަރާކުރެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މުސްތަޤްބަލުގައި ސަރަހައްދުގައި އިހްތިސާސް ހިނގާގޮތުގެ ތަފްސީލް އެނގޭނެހެން ކުރެހުންތައް ފެންނަން ހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތުވެސް އޮޕަރޭޝަންގައި 165 ރިސޯޓެއް އެބައޮތެވެ.