ކުޅިވަރު

1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އީން އާކޮށްފި


އަންހެނުންގެ ލޯންގް ކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އީން އައްބާސް ޝަރީފް އާކޮށްފިއެވެ.

އީން މި ރިކޯޑު އާކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 17 ވަނަ ސިންގަޕޯރ ނެޝަނަލް ސްވިމިން ޗެމްޕިއަންޝިޕްސްގައެވެ. އެގޮތުން އެ މުބާރާތުގައި އީން މި ރިކޯޑު އާކޮށްފައިވަނީ 22 މިނެޓު 32.83 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 1 މިނެޓު 59.01 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓް ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ފަތާފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަންއެވެ. އެ މުބާރާތުގައި ޝަޖަން ރޭސް ފުރިހަމަކޮށްފައިވަނީ 24 މިނެޓު 31.84 ސިކުންތުންނެވެ.

އަންހެނުންގެ ލޯންގް ކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އީން އާކުރިއިރު، 2019 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގައި ބޭއްވި އޯޕަން ވޯޓާ ސްވިމިން ސީރީޒްގެ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ތިންވަނަ ހޯދާފައެވެ. މިއީ އެކި ގައުމުތަކުގެ ފެތުންތެރިންނަށް ހުޅުވާލައިގެން ބޭއްވި މިފަދަ ބައިނަލްއަގުވާމީ އޯޕަން ވޯޓާ މުބާރާތަކުން ރާއްޖޭގެ ފެތުންތެރިޔަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަޒްމާ މުޙައްމަދުގެ ދަރިފުޅު އީން މީގެ ފަސް އަހަރު ކުރިން ފަތަން ޝައުގުވެރިކަން އުފެދި، މާލޭ ނިއުލެގޫންސް ސްވިމިން ކުލަބާއެކު ވަނީ ތަމްރީން ހަދައި އިންޓަ ސްކޫލް މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި އޭގެ ފަހުން އީން ތަމްރީނު ހަދަމުން އައީ މެލޭޝިއާގައެވެ.