ދުނިޔެ

އަފްޣާނިސްތާން ބިންހެލުން: ދެކުނު ކޮރެޔާއިން 1 މިލިޔަން ޑޮލަރުގެ އެހީ


އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް ބުދަދުވަހު އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 1 މިލިޔަން ޑޮލަރުގެ އިންސާނީ އެހީގެ ސާމާނު ފޮނުވާނެ ކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ. ރިކްޓަރ މިންގަނޑުން 6.1ގެ ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.

މި ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް ގިނަ ސަރަޙައްދުތަކެއްގައި ނިމިފައިވާ ކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް، މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެންމެ ގިނަ ވާނީ ކުޑަކުދިން ކަމަށް އެ ޤައުމުގެ ޑޮކްޓަރުން ޤަބޫލު ކުރެއެވެ.

ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުމަށް 1 މިލިޔަން ޑޮލަރުގެ ސާމާނު ފޮނުވާނެ ކަމަށް ދެކުނު ކޮރެޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާއިރު، ޖަޕާނުން ވެސް ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީގެ ނައިބު ސެއިޖީ ކިހާރާ ވިދާޅުވީ، އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ތާލިބާނުންނާ މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

ތާލިބާނުންވެސް ވަނީ މިކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ. އަފްޣާނުގައި ހުންނަ އ.ދ.ގެ އޮފީސްތަކުގެ އޮފިޝަލުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ޕަކްތީކާ ސަރަޙައްދުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ސާމާނު ފޯރުކޮށްދޭން އ.ދ.ގެ ޓީމުތަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.