ދުނިޔެ

އެމެރިކާއިން ދިން ހަތިޔާރުން ރަޝިޔާގެ ސިފައިން ފައްސާލެވޭނެ: ޔޫކްރެއިން


އެމެރިކާއިން ފޮނުވި ރޮކެޓް ސިސްޓަމްތަކެއް ޔޫކްރެއިން އަސްކަރިއްޔާއަށް ލިބިއްޖެއެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައި ވަނީ "ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" ނުވަތަ "ހައިމާސް"ގެ ނަން ދީފައިވާ ބަރުހަތިޔާރު ތަކެކެވެ. ދުރުގައިވާ އަމާޒުތަކަށް ހަމަލާ ދިނުމުގައި ބޭނުން ކުރެވޭނެ މި ރޮކެޓް ސިސްޓަމްތަކާ އެކު، ޔޫކްރެއިނަށް އަރައި ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ސިފައިން އެ ޤައުމުން ފަހައިލެވޭނެ ކަމަށް ޔޫކްރެއިނުން ޤަބޫލު ކުރެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، ޔޫކްރެއިންގެ ބައެއް ސަރަޙައްދުތައް ހިފާފައިވާއިރު، ވެރިރަށް ކީވް ހިފުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ. ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިން ބޭނުން ކުރަމުންދަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ، ދުވަސްވެފައިވާ ބާ ހަތިޔާރުތަކެކެވެ. އެ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ ފައުޖުތައް ފަހަށް ޖައްސައި، ބަލި ނުކުރެވޭނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރެއެވެ. އަދި، ފަހުގެ ޒަމާނީ ހަތިޔާރު އެ ޤައުމަށް ފޯރުކޮށްދިނުމަށް އެ ޤައުމުން ވަނީ ހުޅަނގުގެ ބާރުތަކަށް ގޮވައިލާފައެވެ.

އެމެރިކާގެ ހައިމާސް ރޮކެޓް ސިސްޓަމްތައް ޔޫކްރެއިނަށް ލިބުމުން އެ ޤައުމުގެ ދިފާޢީ ވަޒީރު އޮލެކްސީ ރެޒްނިކޯފް ވަނީ އެމެރިކާގެ ދިފާޢީ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި އެހީއާ އެކު ޔޫކްރެއިންގެ ހަނގުރާމައިގެ މިސްރާބު މުޅިން ބަދަލުކޮށްލެވޭނެ ކަމުގައެވެ. އަދި، އެ ޤައުމަށް އަރައިގެނެ ހަނގުރާމަ ކުރަމުންދާ އިސްތިޢުމާރީ ބާރަށް ކުރިއަށް އޮތީ ނުރައްކާތެރި ދުވަސްތަކެއް ކަމަށް ބުނެ، އޭނާ ވަނީ ރަޝިޔާއަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ހައިމާސް ރޮކެޓް ސިސްޓަމްތައް ފޮނުވާފައި ވީ ނަމަވެސް، މި ތަކެތި ފޯރުކޮށްދީފައި މި ވަނީ ގިނަ ޝަރުޠުތަކަކާ އެކުގައެވެ. މީގެ ތެރޭގައި، މި ސިސްޓަމްތައް ބޭނުންކޮށްގެން ރަޝިޔާގެ ސަރަޙައްދުގައިވާ އަމާޒުތަކަށް ހަމަލާ ނުދިނުން ހިމެނެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ އެ ގޮތަށް އަމަލު ކުރުމަށް އެއްބަސްވެފައެވެ. އަދި، އެފަދަ ހަމަލާއެއް ދީފި ނަމަ، މަސްރަޙު އިތުރަށް ހޫނުވާނެ ކަމަށް އެ ޤައުމުން ވެސް ޤަބޫލު ކުރެއެވެ.

އެމެރިކާގެ ހައިމާސް ރޮކެޓް ސިސްޓަމްތައް ޔޫކްރެއިނަށް ފޮނުވުމުން ރަޝިޔާއިން ވެސް މި ވަނީ އިންޒާރުތަކެއް ދީފައެވެ. އަދި، ޔޫކްރެއިންގެ އިތުރު ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ. ރަޝިޔާގެ ފައުޖުތަކުން މިހާރު ދަނީ ޔޫކްރެއިންގެ ދޮންބެސް ސަރަޙައްދަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަޙައްދު ދިފާޢު ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކުން އަމާން ދިނުމަށް އެ ޤައުމުން ވަނީ ގޮވައިލާފައެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފާއި އީރާނުގެ ޚަރިޖީ ވަޒީރު ޙުސައިން އާމިރު ޢަބްދުالله ހިއަން މި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތައް ބާއްވާފައި ވަނީ، ލެވްރޮފް މިހާރު އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ލެވްރޮފް އީރާނަށް ވަޑައިގަތީ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ލެވްރޮފާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ޢަބްދުالله ހިއަން ވަނީ، މަޝްވަރާގެ މޭޒު ދޮށުން ޔޫކްރެއިން-ރަޝިޔާ ހަނގުރާމައަށް ޞުލްޙަވެރި ހައްލެއް ހޯދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެއްވެސް ހާލެއްގައި ހަނގުރާމައަކީ ހައްލެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ، އެމެރިކާއާއި ނޭޓޯގެ އަމަލުތަކުގެ ސަބަބުން މި މައްސަލައިގެ ހައްސާސް ކަން ބޮޑުވަމުންދާ ކަމުގައި ވެސް ވިދާޅުވެފައެވެ.