ކުޅިވަރު

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް: ސައުސަން އިތުރު ދެ ރިކޯޑު އާކޮށްފި


ހަންގޭރީގެ ބުޑަޕެސްޓުގައި މިހާރު ކުރިއަށްދާ 19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ތަޖުރިބާކާރު ފެތުންތެރިޔާ، އައިޝަތު ސައުސަން އިތުރު ދެ ގައުމީ ރިކޯޑު އާކޮށްފިއެވެ.

ސައުސަން މި ފަހަރު އެންމެ ފުރަތަމަ އާކުރީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. އެ ރެކޯޑް އާކުރީ 1 މިނެޓު 18.76 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. ސައުސަން ވަނީ އެ ރިކޯޑު މި ފަހަރުގެ މުބާރާތުގައި ދެވަނަ ފަހަރަށް އާކޮށްފައެވެ. އެގޮތުން ސައުސަން 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރިކޯޑު އަނެއްކާ އާކުރީ 1 މިނެޓު 18.58 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން، ސައުސަން ވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރިކޯޑު، 2 މިނެޓު 53.55 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެން އާކޮށްފައެވެ. މީގެ ކުރިން 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑުވެސް އޮތީ ސައުސަން އަތުގައެވެ. އެއީ 2018 ވަނަ އަހަރު އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 2 މިނެޓޫ 57.90 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެހެންކަމުން މިއީ 4.35 ސިކުންތުގެ ކުރިއެރުމެކެވެ.

އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ބުޑަޕެސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ހަތް ގައުމީ ރިކޯޑެއް އާކުރިއިރު، އޭގެ ތެރެއިން ތިން ގައުމީ ރެކޯޑެއް އާކުރީ ސައުސަންއެވެ. މީގެ އިތުރުން ރާއްޖޭގެ މުބާލް އައްޒާމް އިބްރާހިމް ދެ ރެކޯޑެއް އާ ކުރިއިރު، ހަމްނާ އަޙްމަދު އަދި މުޙައްމަދު އާން ހުސެއިން، ކޮންމެ ފެތުންތެރިއަކު ވަނީ ރިކޯޑެއް އާކޮށްފައެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގައި ހޯސްޓްކުރ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭން ނުވަ ގައުމީ ރިކޯޑެއް އާކުރިއެވެ.