ކުޅިވަރު

އަޒްޔާނުގެ ސެންޗަރީއާއެކު ރާއްޖެއަށް މޮޅެއް


އަންނަ ޖުލައި މަހު މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ކްރިކެޓް ޓީމުން މިހާރު ސްރީ ލަންކާގައި ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ފުރަތަމަ މެޗުން ލިބަޓީ ސީސީ އަތުން މޮޅުވެއްޖެއެވެ.

ކޮލަމްބޯގެ ޕަނަޑޫރާ ޕަބްލިކް ގްރައުންޑުގައި ބުރާސްފަތި ދުވަހު ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 57 ލަނޑުންނެވެ.

މި މެޗުގައި ޓޮސް ދިމާވުމުން ލިބަޓީ ޓީމުން ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ރާއްޖޭން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 191 ލަނޑު ހަދާފައެވެ.

މި މެޗުގައި ރާއްޖޭގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ވަނީ 106 ލަނޑު ހަދާފައެވެ. އެގޮތުން އޭނާ ވަނީ މެޗުގައި 10 ފަހަރު ހަތަރަކަށް އަދި ހަތް ފަހަރު ހަޔަކަށް ޖަހާފައެވެ. މިއީ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އަޒްޔާން ނުކުތް ފުރަތަމަ މެޗެވެ. ދެން މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ 45 ބޯޅައިން 45 ލަނޑު އެއްކުރި މުހައްމަދު އައްޒާމެވެ.

ރާއްޖޭން ލަންކާގައި ކުރިއަށްގެންދާ ޓުއާ އަކީ އަންނަ މަހު 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޓުއާއެކެވެ. މި ޓުއާގައި އިތުރު ހަ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސްގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން އަދި ތައިލެންޑެވެ. މީގެ ކުރިންވެސް ރާއްޖޭން ވަނީ މި ފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖެ ޓީމުގެ ވައިސް ކެޕްޓަންގެ މަގާމަށް އާދަމް ނާސިފް އުމަރު (އާދަޅޭ) ހަމަޖައްސާފައިވާއިރު، މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ޝާޒް ހަބީބެވެ.