ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށް ބަދަލު ގެނެސްފި


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށެވެ. އެކުންފުނިން މީގެ ކުރިން ބުނެފައިވާގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައެވެ.

އެހެންކަމުން، 24 ޖޫން އިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށް މިބަޔާނުގައިވެއެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55ރ އަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77ރ އަށެވެ. މިފަހަރު އަގަށް މިއައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 1.95 ރ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ވަނީ ބޮޑުވެފައެވެ.

ތެލުގެ އަގު އެންމެ ފަހުން ބޮޑުކުރީ 5 މާރިޗު 2022 އިން ފެށިގެންނެވެ. އެއިރު ބޮޑުކުރީ ޕެޓްރޯލް ލީޓަރެއް 14.60ރ އަށް އަދި ޑީސަލް ލީޓަރެއް 14.80ރ އަށެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށްކަމަށެވެ.