ޚަބަރު

އިންޑިއާއެކު އޮތް ގުޅުން ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭ


ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާ ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިންޑިޔާގެ 67 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ރިސެޕްޝަން ގައި ޝަރަފްވެރި މެހްމާންގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފްވަނީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ތަހުނިޔާ ރައްދު ކުރައްވާފައެވެ.  ރޭގެ ރިސެޕްޝަންގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.