ވިޔަފާރި

އިންވެސްޓަރު ތަމްސީލްކުރާ ފަރާތްތަކަށްވެސް ފަސޭހައިން ކޯޕަރޭޓް ވީޒާ ލިބޭގޮތް ހަދާނަން: ފައްޔާޞް


އިންވެސްޓަރު ތަމްސީލްކުރުމަށް އަންނަ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމެއްގެ ދަށުން ކޯޕަރޭޓް ރެސިޒެންސް ވީޒާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނިމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް މިހެން ވިދާޅުވީ، މަޓީގެ އަހަރީ އާންމު ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގައި މެމްބަރުން ވަނީ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބައެއް އިންވެސްޓަރުންނަށް ކޯޕަރޭޓް ރެސިޑެންސް ވީޒާގެ ދަށުން ފަސޭހަކަމާއިއެކު އާދެވޭކަން ފާހަގަކޮށްފައެވެ. ނަމަވެސް އެފަރާތް ތަމްސީލްކުރާ ފަރާތްތަކަށާއި އަދި ކުންފުނީގެ އެހެނިހެން މެންބަރުންނަށްވެސް ފަސޭހަކަމާއިއެކު އާދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ވަނީ އެދިފައެވެ.

މަޓީގެ މެމްބަރުންގެ ކަންބޮޑުވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޞް ވިދާޅުވީ، އިންވެސްޓަރުން ތަމްސީލްކުރާ ފަރާތްތަކަށް ކޯޕަރޭޓް ވީޒާ ހަމަޖައްސައިދިނުމުގައި ސަރުކާރުގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން އެކަމުގެ ޝަކުވާ ލިބުނު މިއީ ފުރަތަމަ ފަހަރުކަމަށާއި، އެކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ސަރުކާރުގެ ފަރާތުން ކޮށްދެއްވާނެކަމަށް ފައްޔާޞް ވިދާޅުވިއެވެ.

"އިންޑަސްޓްރީގެ ފަރާތުން އެދުނީ އޭގައި ސީދާ ވެރިފަރާތުގެ އިތުރުން އެފަރާތުގެ ފަރާތުން އަންނަ ރެޕްރެޒެންޓޭޓިވްއަށްވެސް އެ ވިޒާ އެކްސްޓެންޑް ކުރެވިދާނެތޯ. އެހެންވީމަ އޭގަ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން. އެގޮތަށް އަޅުގަނޑުމެން ބަދަލުކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ކޯޕަރޭޓް ރެސިޑެންސް ވީޒާއަކީ ވަކި އަދަދަކަށްވުރެ ގިނައިން އިންވެސްޓްކޮށްފައިވާ ފަރާތްތަކަށްދޭ ވީޒާއެކެވެ.

ރާއްޖެއަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ޤައުމެކެވެ. އަދި ގިނަ އަދަދެއްގެ އިންވެސްޓަރުން އަންނަނީ ރާއްޖެއަށް އިންވެސްޓްކުރަމުންނެވެ. އަދި އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.