އިސްލާމް އަދި ޤުރުއާން މާއްދާގެ ޓެކްސްޓް ފޮތްތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، މިއަހަރު އަލުން ޗާޕުކޮށްގެން ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.
ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް މިދިޔަ އަހަރު ފާހަގަވެފައިވާއިރު، ގްރޭޑް 2 އަދި 12ގެ އިސްލާމް ފޮތްތަކުގައިވެސް އެފަދަ މައްސަލަތަކެއް ހުރިކަމުގެ މައްސަލައެއް ވަނީ ފާހަގަވެފައެވެ. މިކަމާ ގުޅިގެން ޚާއްސަ ކޮމިޓީއެއް އުފައްދައި އިިސްލާމް އަދި ގުރުއާން، ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މިއަހަރު އިސްލާމް އަދި ޤުރުއާން ފޮތްތައް ނެރެނީ މިދިޔަ އަހަރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މުޅިން އަލަށް ޗާޕުކޮށްގެންކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށިގެން ސްކޫލަށް ދަރިވަރުން އަންނައިރު ހުރިހާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމަށްޓަކައި ދުރާލާ މަސައްކަތްތައް ކުރަމުން އައިސް މީގެ 3 މަސް ކުރިން ޓެކްސްޓް ފޮތްތައް ޗާޕު ކުރަން ޖެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރަމުން އައި. މިއަދާ ހަމައަށް ޗާޕު ކޮށްފައިވާ ފޮތްތަކުގެ ބޮޑު ބައެއް މިވަނީ ލިބިގެން ގޮސްފަ މިހާރު" އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ މީގެކުރީ އަހަރުތަކުގައިވެސް ފޮތްތައް ޗާޕުކޮށް ނެރުމުގައި އިމްލާގެ ބައެއް ކުށްތައް ހުންނަ ކަމަށެވެ. އެހެންނަމަވެސް މި އަހަރު ދަރިވަރުންނަށް ފޮތްތައް ލިބޭއިރު މިދިޔަ އަހަރު ދިމާވި މައްސަލަތައް ހުންނާނީ ހައްލުވެފައި ކަމަށާއި އެ ކަންކަން އިސްލާހުކުރިއިރު ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދައިފައިވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
"އިސްލާމް އަދި ގުުރުއާން ފޮތެއް ވެއްޖިއްޔާ އިސްލާމިކް މިނިސްޓްރީން ވެސް ކަނޑައަޅާފަ އޮންނަ ކޮމިޓީއަކުން ވެސް ބައްލަވާ. މި ހުރިހާ ޕްރޮސެސްއަކަށް ފަހު ފޮތް މި ނެރެނީ. އެކަމަކު މިއީ އިންސާނުންކުރާ މަސައްކަތަކަށް ވީމާ ބައެއް ފަހަރަށް ހުރޭ އެހެން އެކަހަލަ މައްސަލަތައް ދިމާވެފަ" އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ދަރިވަރުންނަށް ފޮތް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.