ދުނިޔެ

އުތުރު ކޮރެޔާގެ ދިފާޢީ ސިޔާސަތު ހަރުދަނާ ކުރަން ބައްދަލުވުންތަކެއް


އުތުރު ކޮރެޔާގެ ދިފާޢީ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، އަސްކަރިއްޔާ އިތުރަށް ބާރުވެރި ކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ. އެ ޤައުމުގެ މައި ޕާޓީގެ އިސްވެރިންނާއި އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުން ބައިވެރިވާ މި ބައްދަލުވުންތައް ވިލަރެސް ކުރައްވަނީ އެ ޤައުމުގެ ލީޑަރު ކިމް ޖޮންގް އުންއެވެ.

މި މަޝްވަރާތަކުގެ ބޭނުމަކީ، އުތުރު ކޮރެޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ޤާބިލިއްޔަތު ކަމާއި ތައްޔާރީ ހާލަތު ދެނެގަނެ، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް ބަލައި ހޯދުމެވެ. މިދިޔަ އަހަރު ބޭއްވި މިފަދަ ބައްދަލުވުމެއްގައި ކިމް ވަނީ، އުތުރު ކޮރެޔާގެ އަސްކަރިއްޔާ އިތުރަށް ބާރުވެރިކުރަން ނިންމަވާފައެވެ. މި ގޮތުން، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި، އަޑަށްވުރެ ފަސްގުނަ ހަލުވިކަމާ އެކު ދަތުރު ކުރާ "ހައިޕަސޮނިކް" މިސައިލް އުފެއްދުމާއި، ޖާސޫސީ ސެޓެލައިޓް ތަކެއް ޖައްވަށް އުދުއްސައިލުމާއި، ޑްރޯން ހަތިޔާރު އުފެއްދުން ހިމެނެއެވެ.

އޭޕްރިލް މަހުގެ ތެރޭގައި ކިމް ވަނީ އެ ޤައުމުގެ ޢަދުއްވުންގެ ކިބައިން ޤައުމު ދިފާޢު ކުރަން ތައްޔާރުވެ ތިބުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް ގޮވައިލައްވާފައެވެ. އަދި، އެ ޤައުމުން މި އަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ "ބެލިސްޓިކް" މިސައިލް ޓެސްޓުތަކެއް ވަނީ ހަދާފައިވެއެވެ. މީގެ ތެރޭގައި "ހައިޕަސޮނިކް" މިސައިލާއި، އެއް ބައްރުން އަނެއް ބައްރަށް ހަމަލާ ދިނުމަށް ބޭނުން ކުރެވޭނެ މިސައިލްތައް ހިމެނެއެވެ. އަދި، ހަތްވަނަ ފަހަރަށް ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް އުތުރު ކޮރެޔާއިން ތައްޔާރުވަމުންދާ ކަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާއިން ވަނީ އިންޒާރު ދީފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކިމްގެ އަމަލުތައް ވަރަށް ގާތުން ބަލަމުންނެވެ. ޚާއްޞަކޮށް، ދެކުނު ކޮރެޔާއާއި އެމެރިކާއިންނެވެ. ދެކުނު ކޮރެޔާގެ އޮފިޝަލުން ބުނީ، މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ޓެސްޓު ހެދުމަށް ވަމުންދާ ތައްޔާރީތަކާއި، އެ ފަދަ ޓެސްޓެއް ހެދުމަށް ވިސްނާ ތާރީޚެއް ހާމަވެގެން ހިނގައިދާނެ ކަމުގައެވެ. ދެކުނު ކޮރެޔާއިން ބުނީ، އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޓެސްޓު ހެދުމުގެ ތައްޔާރީތައް މަޑުޖައްސައިލާފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. ސަބަބަކީ، އުތުރު ކޮރެޔާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔުމެވެ. އަދި، ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ މަސައްކަތްތައް ރާވާފައިވާ ގޮތް ވެސް މި ކަމުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރާ ކަމުގައި ދެކުނު ކޮރެޔާއިން ޤަބޫލު ކުރެއެވެ.

އުތުރު ކޮރެޔާއިން އިތުރު ނިއުކްލިއަރ ޓެސްޓެއް ހަދައިފިނަމަ، އެމެރިކާއާއި ހުޅަނގުން އިސްނަގައިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އަޅާނީ ކޮން ފިޔަވަޅުތަކެއް ކަން އަދި ސާފެއް ނޫނެވެ.

އުތުރު ކޮރެޔާއިން އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގައި ކޮވިޑާއި އަދި ކުޑަގޮހޮރަށް ޖެހޭ ބައްޔެއް ވަނީ ޢާންމުވެފައެވެ. ކުޑަގޮހޮރަށް ޖެހޭ ބަލީގެ އަސްލު އަދި ދެނެގަނެވިފައި ނުވާ އިރު، މި ބަލި އެންމެ ހަލުވި ކަމާއެކު ފެތުރެމުން ދަނީ ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކުގައެވެ. 800 އެއްހާ ޢާއިލާގެ މެންބަރުންތަކަކަށް މި ބަލީގެ އަސަރު ކޮށްފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ޚަބަރުފަތުރާ ކޭ.ސީ.އެން.އޭ.އިން ބުންޏެވެ. މީގެ އިތުރުން، އެ ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ.