ދުނިޔެ

ހަނގުރާމަ ރިޕޯޓްކުރަމުންދިޔަ ރޮއިޓަރސްގެ ނޫސްވެރިއަކު މަރާލައިފި


ރަޝިޔާއިން ޔޫކްރެއިނުގެ ސަރަޙައްދުތަކަށް އަރައި ކުރަމުންދާ ހަނގުރާމަ ރިޕޯޓު ކުރަމުންދިޔަ ފްރީލާންސް ފޮޓޯގްރާފަރެއް ކަމުގައިވާ މެކްސިމް ލެވީން މަރާލައިފިއެވެ. ލެވީންއާއި އޭނާގެ އެކުވެރިއެއް ކަމުގައިވާ އޮލެކްސީ ޝެރްނީޝޯވްގެ މަރުގެ ފަހަތުގައި ވަނީ ރަޝިޔާ ސިފައިން ކަމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރް.އެސް.އެފް) އިން ތުހުމަތު ކުރެއެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދިފާޢުގައި، އަދި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އާރް.އެސް.އެފް.އިން ބުނީ، ލެވީން މަރާލާފައި ވަނީ ރަޝިޔާ ސިފައިން ދިން ހަމަލާތަކެއްގައި ކަން ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައިވާ ކަމަށެވެ. ލެވީންގެ މަރާ ގުޅޭ ގޮތުން އެ ޖަމުޢިއްޔާއިން ވަނީ 16 ޞަފުހާގެ ރިޕޯޓެއް ވެސް ޢާންމުކޮށްފައެވެ.

1981 ވަނަ އަހަރު ޔޫކްރެއިނަށް އުފަންވި ލެވީން އަކީ ފޮޓޯގްރާފަރެއްގެ އިތުރުން ޑޮކިޔުމެންޓްރީ ތައްޔާރު ކުރާ ނޫސްވެރިއެކެވެ. ޔޫކްރެއިންގެ ހާލަތު ރިޕޯޓު ކުރުމުގައި 2013 ވަނަ އަހަރުން ފެށިގެން ލެވީން ވަނީ ރޮއިޓަރސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އާރް.އެސް.އެފް.ގެ ރިޕޯޓުގައި ބުނެފައި ވަނީ، ރަޝިޔާ ސިފައިން ލެވީން މަރައިލާފައި ވަނީ ބަޑި ޖަހައިގެން ކަމުގައެވެ. އެ ވަގުތު އޭނާ އިނީ ކާރެއްގެ ތެރޭގައި ކަމަށާއި، ބަޑިން ހަމަލާ ދިނުމަށް ފަހު، ރަޝިޔާ ސިފައިން އެ ކާރުގައި ހުޅުޖަހައި، ރޯކޮށްލާފައިވާ ކަމަށް ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ. ލެވީންއާއި އޭނާގެ އެކުވެރިޔާގެ ހަށިގަނޑު ފެނިފައި ވަނީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުއެވެ.

ލެވީންގެ މަރަކީ ނޫސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ރޮއިޓަރސްގެ އިސް އެޑިޓަރެއް ކަމުގައިވާ ޖޯން ޕުލްމަން ސިފަކުރެއްވިއެވެ. ލެވީންގެ މަރާ ގުޅިގެން ރަޝިޔާއަށް ކުރެވޭ ތުހުމަތުތަކަށް އެ ޤައުމުން އަދި މިހާތަނަށް ރައްދުދީފައެއް ނުވެއެވެ.