ރާއްޖޭގައި އަންނަ ޖުލައި މަހު ބާއްވާ އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ. 
މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 15 އިން 21 އަށް ކ. މާފުށީގައެވެ.  މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ޕީއެސްއެމް ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ. އަދި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދުއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވޔމަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަރވިއުގައި ހަމީދު ވިދާޅުވީ، މީޑިއާ ޕާޓްނަރުގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސީ އެންމެ އިތުބާރާއެކު ކުޅިވަރު ހަބަރު އަބަދުވެސް ގެނަސްދެމުން އަންނަނީ ޕީއެސްއެމުން ކަމުގައިވާތީ ކަމަށެވެ. މީގެ އިތުރުން ޕީއެސްއެމްއަކީ މިފަދަ ކުޅިވަރުތައް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ މީޑިއާއެއްކަމަށް ހަމީދު ވިދާޅުވިއެވެ. 
		
			މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ބީބީއޭއެމްގެ ފިޓްނަސް ޕާޓްނަރަކަށް އެކްސްޓްރީމް ޖިމް ހަމަޖައްސައިފައެވެ. "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި އެކްސްޓްރީމް ޖިމްގެ ޖެނެރަލް މެނޭޖަރު ހުސެއިން ދިމްޔާން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންގެ ފަރިތަކުރުންތަކަށް އެކްސްޓްރީމް ޖިމް ބޭނުން ކުރަން ދިނުމަކީ އެ ޖިމަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި އުއްމީދަކީ މި މުބާރާތުން ރާއްޖޭގެ އެތުލީޓުން ކާމިޔާބު ވަނަތަކެއް ހާސިލްކުރުން ކަމަށް ދިމްޔާން ވިދާޅުވިއެވެ. 
މީގެ އިތުރުން ބުރާސްފަތި ދުވަހު ބީބީއޭއެމުން ވަނީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފައެވެ. ބީބީއެމްގެ ރައީސް ހަމީދު ވިދާޅުވީ، ދިރާގަކީ ރާއްޖޭގައި ހުރި މުއާސަލާތީ އެންމެ ބޮޑު ކުންފުނި ކަމަށާއި، މި އެއްބަސްވުމުގެ ދަށުން އެތުލީޓުންގެ އިތުރުން މުބާރާތް ކަވަރ ކުރާ ނޫސްވެރިންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. 
		
					
									
			ދިރާގުގެ ސީނިއަ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވޭއިރު، މުބާރާތުގައި ބައިވެރިވާ އެތުލީޓުން އަދި ބީބީއޭއެމުން ބޭނުންވާ މުއާސަލާތީ ކަންކަން ކޮށްދޭން އެ ކުންފުނިން އޮތީ ތައްޔާރަށް ކަމަށެވެ. 
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.