ދުނިޔެ

ބޯކޮށް ވާރޭވެހި ޗައިނާގެ ބައެއް ހިސާބުތަކުގައިވެސް ފެންބޮޑުވެއްޖެ


ޗައިނާގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފެންބޮޑުވުމާ ގުޅިގެން ދެ ސަރަޙައްދެއްގައި ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ބަންޑުންވެދާނެކަމުގެ ބިރު ހީވެފައިވާއިރު، ފަރުބަދަމަތީ ބައެއް ސަރަހައްދުތަކުގައި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.

މިއީ، 1961 ވަނަ އަހަރަށް ފަހު ޗައިނާގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކުގައި މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ގުއަންޑޮންގް ޕްރޮވިންސުގެ ދެ ރަށެއް ކަމުގައިވާ ޝައުގޮއާންއާއި ކިންގްޔޫންއަށެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ރަށްތަކަށް މުދާ ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

މީގެ އިތުރުން، އިރުދެކުނުގައިވާ ޖިއާންގްޝީ ޕްރޮވިންސުގެ ބައެއް ސަރަޙައްދުތަކުގައި ވެސް ފެންބޮޑުވެ، އެ ސަރަޙައްދުގައި ދިރިއުޅޭ 485,000 މީހުންނަށް އަސަރު ކޮށްފައިވާ ކަމަށް ޗައިނާއިން ބުނެއެވެ. އަދި، 43,000 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައި ވާއިރު، އެ ސަރަޙައްދަށް ލިބުނު އިޤްތިޞާދީ ގެއްލުމުގެ އަގު 70 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުން އަންދާޒާ ކުރެއެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ސަރަޙައްދުތަކުގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި މޭ މަހާއި ޖޫން މަހުގެ ތެރޭގައި ގުއަންޑޮންގްއާއި ފުޖިއާން އަދި ގުއާންގްޝީ ޕުރޮވިންސްތަކަށް އެވުރެޖުކޮށް 621 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ހޫނު މޫސުމަކީ ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް ޢާންމު ގޮތެއްގައި ވެސް ވިއްސާރަކުރާ މޫސުމެއް ނަމަވެސް، ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމަކީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ސައިންސްވެރިން ޤަބޫލު ކުރެއެވެ.