ޚަބަރު

ހަފްތާ ބަންދުގައި ވަރަށްބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފި


ކުރިއަށް އޮތް ހަފްތާ ބަންދުގައި ވަރަށްބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު މިހާރު ކުރަމުން ދާއިރު، ކުރިއަށް އޮތް ހަފްތާ ބަންދުގައި ބޮޑަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރުމާއިއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް މި ވިއްސާރާގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން 1 ފޫޓާއި 3 ފޫޓާއި ދެމެދު ހުންނާނެކަމަށް އެ އިދާރާއިން ބުނެއެވެ.

ކުރަމުންދާ ވިއްސާރާގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި އިތުރަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.