ކުޅިވަރު

ޑެމްބެލޭ ބާސާގައި މަޑުކުރުވަން މަސައްކަތްކުރަނީ


މި މަހުގެ ނިޔަލަށް ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ އެއްބަސްވުމުގައި ހުރި ފްރާންސްގެ ފޯވާޑް އޮސްމާން ޑެމްބެލޭ، އެ ކުލަބުގައި މަޑުކުރުވަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑެމްބަލޭގެ އެއްބަސްވުން އިތުރުކުރުމަށް ބާސާއިން މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް ކުރި ނަމަވެސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެއެވެ. މިދިޔަ ޖެނުއަރީ މަހު ބާސާއިން ޑެމްބެލޭ ވިއްކާލަން މަސައްކަތްކުރި ނަމަވެސް. ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒާއި ޑެމްބެލޭއާ ދެމެދު ޖެހުނު މައްސަލަތައް ހައްލުވެ ޑެމްބެލޭ ވަނީ މެޗުތަކުަގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޑެމްބެލޭގެ ސޮއި ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސްއިން މަސައްކަތްކުރި ނަމަވެސް، މިހާތަނަށް އެ މަސައްކަތް ކާމިޔާބެއް ނުވެއެވެ.

ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް، އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވަނީ އައު ކުޅުންތެރިއަކު ބޮޑު އަގުގައި ގެނެސްގެން ރިސްކެއް ނެގުމުގެ ބަދަލުގައި ޓީމުގައި މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިއެއްގެ އެއްބަސްވުން އާކުރުމަކީ މާ ބުއްދިވެރި ނިންމުމަކަށް ވާނެ ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމުންޑުން ބާސާއަށް 2017 ވަނަ އަހަރު ޑެމްބެލޭ ބަދަލުވީ 97 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ.