ކުޅިވަރު

ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ސޮއިކޮށްފި


ލިވަޕޫލް ދޫކޮށް ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ވަނީ ބަޔާންއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ލިވަޕޫލުން މާނޭ ބަޔާނަށް ވިއްކާލީ އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، 43 މިލިޔަން ޑޮލަރަށެވެ.

މީގެ ކުރިން ލިވަޕޫލާއެކު އައު އެއްބަސްވުމެއް ހަދަން މާނޭ ބޭނުންވީ ހަފުތާއަކު 440،000 (ހަތަރު ލައްކަ ސާޅީސް ހާސް) ޑޮލަރު ލިބޭ ގޮތަށެވެ. އެކަމަކު ލިވަޕޫލުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

ބަޔާނަށް ބަދަލުވުމަށްފަހު މާނޭ ބުނީ އޭނާއަށް އެހެން ކުލަބުތަކުންވެސް ހުށަހެޅުން ލިބުނު ކަމަށެވެ. އެކަމަކު ބަޔާނަށް ބަދަލުވުން އެއީ މާބޮޑަށް ވިސްނަން ނުޖެހުނު ކަމެއް ކަމަށް މާނޭ ބުންޏެވެ. މާނޭ ބުނީ ބަޔާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށާއި، އަދި މިއީ އޭނާ ނަގާ ޗެލެންޖެއް ކަމަށެވެ.

ސައުތެމްޓަން ދޫކޮށް 41 މިލިޔަން ޑޮލަރުގެ ފީ އަކަށް 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި މާނޭ ވަނީ އެ ޓީމަށް، ޖުމްލަ ހަ ސީޒަނުގައި ކުޅެދިން 269 މެޗުން 120 ލަނޑު ޖަހައި، 38 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި ލިވަޕޫލާއެކު މާނޭ ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕާއި، ކުލަބު ވޯލްޑް ކަޕާއި، އިނގިރޭސި އެފްއޭ ކަޕް އަދި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.