ދުނިޔެ

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 1000 މައްޗަށް


އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 1,000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މި ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ އިރުދެކުނުގައިވާ ޚޯސްތް ސިޓީއާ 44 ކިލޯމީޓަރު ދުރުގައި، ޕާކިސްތާނުގެ ސަރަޙައްދީ އިމާ ގާތުގައި އޮންނަ ފަރުބަދަމަތީ ހިސާބަކަށެވެ. ބިންހެލުމާ އެކު އައި ލޮޅުންތަކުގައި އެތައް ސަތޭކެ އިމާރާތެއް ބިމާ ހަމަވެފައިވާއިރު، 1,500 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް، އެ ޤައުމުގައި ވެރިކަން ކުރާ ތާލިބާނުން ބުނެއެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވޭއިރު، ބިންހެލުމުގެ އަސަރު ކުރި ސަރަޙައްދުތަކަށް ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ތާލިބާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އަނިޔާވެފައިވާ ބައެއް މީހުންނަށް އިތުރު ފަރުވާ ދިނުމަށް ވެރިރަށް ކާބުލަށް ގެންދިޔުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބިންހެލުމުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ޕަކްތީކާ ޕްރޮވިންސުގައެވެ. އެ ރަށުން މަރުވި މީހުންގެ އަދަދު 255 އަށް އަރާއިރު، ޚޯސްތް ސިޓީން ވެސް 25 ވަރަކަށް މީހުން މަރުވިއެވެ. ނަމަވެސް، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ވިލާތާއި މެޑިޓެރޭނިއަން ސަރަޙައްދުގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާ (އީ.އެމް.އެސް.ސީ) އިން ބުނީ، އަފްޣާނިސްތާނަށް މިއަދު އައިސްފައިވާ ބިން ހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.1 ގައި ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާ (ޔޫ.އެސް.ޖީ.ސީ) އިން ބުނީ، އެއީ ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުގަދަ ބިންހެލުމެއް ކަމުގައެވެ. މި ބިންހެލުމުގެ އަސަރު އަވަށްޓެރި ޕާކިސްތާނާއި އިންޑިޔާގެ ސަރަޙައްދުތަކަށް ވެސް ކުރިއެވެ.

މި ބިންހެލުމާ ގުޅިގެން ތާލިބާނުން ވަނީ ބައިނަލްއަޤްވާމީ އެހީއަށް އެދިފައެވެ. މި ގޮތުން، ތާލިބާނުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެ ޤައުމުގައި ހަރަކާތްތެރިވާ ޔުނިސެފްގެ ޓީމުތަކުގެ ކިބައިން އެދިފައެވެ. އިނގިރޭސި ވިލާތުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނައިޖެލް ކޭސީ ވިދާޅުވީ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބެލުމަށް އެ ޤައުމުގައި ހަރަކާތްތެރިވާ އ.ދ.ގެ އޮފީސްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އ.ދ.ގެ އިންސާނީ އެހީއާ ބެހޭ އޮފީސް (ޔޫ.އެން.އޯ.ސީ.އެޗް.އޭ) އިން ބުނީ، ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިޝަންގެ ޓީމުތައްވެސް މިހާރު މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ އިދާރާއިން ވަނީ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކަށް ގޮވައިލާފައެވެ.

މިއީ، 2002 ވަނަ އަހަރަށް ފަހު އެ ޤައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް އައިސްފައިވާ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 7,000 އަށްވުރެ މައްޗަށް އަރައެވެ. މި އަހަރުގެ ޖަނަވަރީ މަހު އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދަކަށް އައި ބިންހެލުމެއްގައި 20 މީހުން މަރުވިއެވެ. އަދި 2015 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވިއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ ޤައުމުގައި ވެރިކަން ކުރަމުންދާ ތާލިބާނުންނަށް، މި ކާރިސާ އެންމެ ފުރިހަމަ ގޮތެއްގައި މެނޭޖު ކުރެވޭނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކުކުރެއެވެ. މި ކަމުގެ އެއް ސަބަބަކީ، އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމާ ގުޅުން ކަނޑައިލާފައިވުމެވެ. މީގެ އިތުރުން، ބޭރު ފައިސާ ހުސްވެ، އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް މިހާރު ވެސް ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ.