ދުނިޔެ

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ޓައިވާނުގެ ސަރަޙައްދަށް ވަންނަނީ


ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޓައިވާނުގެ ވައިގެ ސަރަޙައްދަށް ވަނުމާ ގުޅިގެން ޓައިވާނުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިއެވެ. ޗައިނާގެ ވައިގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އެ ޤައުމުގެ 29 އަސްކަރީ މަތިންދާބޯޓެއް ވަނީ ޓައިވާނުގެ ސަރަޙައްދަށް ވަދެފައިއެވެ. މީގެ ތެރޭގައި ބޮންއަޅާ ބޯޓުފަހަރު ވެސް ހިމެނެއެވެ.

ޓައިވާނުގެ ވައިގެ ސަރަޙައްދަށް ޗައިނާގެ ބޯޓުތައް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ވެސް އެ ހިސާބަށް ވަނީ ފޮނުވައި، ޗައިނާގެ އުޅަނދުތައް އެ ސަރަޙައްދުން ފޮނުވައިލުމަށް މަސައްކަތް ކޮށްފައެވެ. އަދި، އެ ޤައުމުގެ މިސައިލް ސިސްޓަމްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

ޓައިވާނަކީ ޗައިނާގެ ސަރަޙައްދެއް ކަމަށް ޗައިނާއިން ޤަބޫލު ކުރާއިރު، އެ ޤައުމުގެ އަސްކަރީ އުޅަނދު ފަހަރު ދޭތެރެ ދޭތެރެއިން ޓައިވާނުގެ ސަރަޙައްދުތަކަށް ފޮނުވައެވެ. މި ފަދަ އޮޕަރޭޝަންތަކަކީ ޓައިވާނުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި މި ކަންބޮޑުވުންތައް ހިއްސާކޮށް، އެ ޤައުމުން ދަނީ ޝަކުވާ އުފުލަމުންނެވެ.

ހުސްވި މޭ މަހުގެ ތެރޭގައި ވެސް ޗައިނާގެ އަސްކަރިއްޔާއިން މި ފަދަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ ފަހަރު އެ ޤައުމުގެ 30 އަސްކަރީ މަތިންދާބޯޓު ޓައިވާނުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައިވެއެވެ. ޗައިނާއިން ބުނަނީ، މިއީ އެ ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ހިންގާ ތަމްރީނު ޕުރޮގުރާމުތަކެއް ކަމުގައެވެ.

މިކަމާ މެދު އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ، ޓައިވާނަށް ޚާރިޖީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބިރު ދެއްކުމަށް ހިންގާ މި ފަދަ އަމަލުތައް ހުއްޓާލުމަށް ޗައިނާއަށް ގޮވައިލާފައެވެ. އެމެރިކާގެ ރައީސް ޖޯ ޗައިނާއިން ޓައިވާނަށް ހަމަލާ ދީފިނަމަ، އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާއިން ތައްޔާރަށް އޮތްކަމަށް ބައިޑަން މީގެ ކުރިން ވަނީ، ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ބައިޑަންގެ އެވާހަކަތައް އަނބުރާ ގެންގޮސްފައެވެ.