ދުނިޔެ

ބައިޑަންގެ ސައިންސާ ބެހޭ މުޝީރަކަށް އިންޑިޔާ ދަރިކޮޅުގެ އަރަތީ ޕްރަބާކަރު


އެމެރިކާގެ ރައީސް ޖޯ ބައިޑަން، ވައިޓް ހައުސްގެ ސައިންސާ ބެހޭ މުޝީރުގެ މަޤާމަށް އިންޑިޔާ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޑރ އަރަތީ ޕްރަބާކަރު ޢައްޔަން ކުރައްވައިފިއެވެ. އެމެރިކާގެ ސެނެޓުން ޕްރަބާކަރަށް ރުހުން ދީފި ނަމަ އޭނާ ވެވަޑައިގަންނަވާނީ، އެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅަށެވެ. އަދި، އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން މި މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ބޭފުޅަކަށެވެ.

ބައިޑަން، ޕްރަބާކަރު ޢައްޔަން ކުރައްވާފައި ވަނީ ވައިޓް ހައުސްގެ ދި އޮފިސް އޮފް ސައިންސް އެންޑް ޕޮލިސީ އޮފީހުގެ އިސްވެރިޔާގެ މަޤާމަށެވެ. އެ މަޤާމު ހުސްވެފައި ވަނީ، ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އެރިކް ލެންޑަރ ފެބުރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބައިޑަންގެ ސައިންސް އެންޑް ޓެކްނޮލޮޖީއާ ބެހޭ އިސް މުޝީރުގެ މަޤާމު ވެސް އޭނާ ފުރުއްވާނެއެވެ.

ޕްރަބާކަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ ކަންކަމާއި، އަދި ފިޒިކަލް ސައިންސް ހިމެނެއެވެ. މީގެ އިތުރުން، ބައިޑަން މުހިންމުކަމެއް ދެއްވާ "ކެންސަރ މޫންޝޮޓް 2.0" މަޝްރޫޢު ކުރިއަށް ގެންދަން ޕްރަބާކަރު މަސައްކަތް ކުރައްވާނެއެވެ. "ކެންސަރ މޫންޝޮޓް 2.0" އަކީ ކެންސަރު ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބަޔަށް ދަށް ކުރުމަށް ދިރާސާތައް ހެދުމަށް ހިންގާ މަޝްރޫޢެކެވެ.

ޕްރަބާކަރު އުފަންވެ ވަޑައިގަތީ އިންޑިޔާގައެވެ. އަދި، އޭނާގެ ޢާއިލާއިން އެމެރިކާއަށް ހިޖުރަކޮށްފައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގައެވެ. ވައިޓް ހައުސްގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޕްރަބާކަރު ހުންނެވީ އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަންގެ "ޑިފެންސް އެޑްވާންސްޑް ރީސަރޗް ޕްރޮޖެކްޓްސް (ޑާޕާ)"ގެ އިސްވެރިޔާގެ މަޤާމުގައެވެ.