ދުނިޔެ

10 އަހަރަށްފަހު ހަމާސުން، ސޫރިޔާއާ އެކު ގުޅުން ޤާއިމު ކުރަނީ


ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން، 10 އަހަރުގެ މެދުކެނޑުމަކަށް ފަހު ސޫރިޔާގެ ސަރުކާރާ އެކު އަލުން ގުޅުން ޤާއިމުކުރަން ނިންމައިފިއެވެ. ހަމާސްއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ގުޅުން ކަނޑައިލާފައި ވަނީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.

ހަމާސްއާއި ސޫރިޔާގެ ސަރުކާރާ ދެމެދު އަލުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ދެ ފަރާތުގެ އިސްވެރިންގެ މެދުގައި ދާދިފަހުން ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމުގައި ހަމާސްގެ އޮފިޝަލަކު ބުންޏެވެ. ނަމަވެސް، ސޫރިޔާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އަސަދުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދާޚިލީ ހަނގުރާމަ އިޢުލާނު ކުރުމާއެކު، ހަމާސްއިން ވަނީ އެ ފަރާތްތަކަށް ތާޢީދުކުރާ ކަން ހާމަކޮށްފައެވެ. މި ކަމާ ގުޅިގެން އަސަދުގެ ސަރުކާރާ އެކު އޮތް ގުޅުން ހީނަރުވެ، ސޫރިޔާގައި ހުރި އެ ޖަމާޢަތުގެ އޮފީސްތައް ބަންދު ކުރިއެވެ. ސޫރިޔާ އަދި ހަމާސްއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާ އީރާނުން މި ކަމާ މެދު ނުރުހުން ފާޅުކުރި ނަމަވެސް، އީރާނުން ހަމާސް ޖަމާޢަތާ ދެމެދު އަލުން ވަނީ ގުޅުން ޤާއިމު ކޮށްފައެވެ.

އީރާނަކީ މެދުއިރުމަތީގައި އޮތް ޔަހޫދީންގެ ދައުލަތް ކަމުގައިވާ އިސްރާޢީލާ ދެކޮޅު ތެދުވެ ބަސްބުނުމުގައި ފަހަތަށް ނުޖެހޭ ޤައުމެކެވެ. އަދި، އެ ޤައުމުން ދަނީ މުސްލިމުންގެ ދިފާއުގައި ޢައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ރޮކެޓް ފަދަ ހަތިޔާރު އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.