ދުނިޔެ

ކޯލިޝަން ރޫޅި، އިސްރާޢީލު އައު އިންތިޚާބަކާ ދިމާލަށް


އިސްރާޢީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ވެރިކަން ކުރާ ކޯލިޝަން ރޫޅިއްޖެއެވެ. ޤާނޫނު ހަދާ މަޖިލީސް އުވައިލުމަށް އަންނަ ހަފުތާގައި ވޯޓަކަށް އަހައި، އައު އިންތިޚާބެއް ބޭއްވުމަށް އެ ޤައުމުން ދަނީ ތައްޔާރު ވަމުންނެވެ. މިއީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ޤައުމުގައި ބާއްވާނެ ފަސްވަނަ އިންތިޚާބެވެ.

އިސްރާޢީލުގެ ވެރިކަން ކުރާ ކޯލިޝަން ރޫޅުނީ، ބެނެޓްގެ ކޯލިޝަން ޕާޓްނަރު ކަމުގައިވާ ޔައީރް ލެޕިޑްގެ ޕާޓީއާ އެކު އޮތް ގުޅުން ގޯސްވެ، ޤާނޫނު ހަދާ މަޖިލީހުގައި ކޯލިޝަން ތަމްސީލު ކުރައްވާ ބައެއް މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވުމުގެ ސަބަބުންނެވެ. ބެނެޓް މިހާރު ވަނީ ވެރިކަމުގެ ބާރުތައް، ޚާރިޖީ ވަޒީރުގެ މަޤާމު ވެސް ފުރުއްވާ ލެޕިޑްއާ ހަވާލުކުރަން ނިންމަވާ، އެ ކަން އިޢުލާނު ކުރައްވާފައެވެ. އައު އިންތިޚާބެއް ބޭއްވެން ދެން، ވަގުތީ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާނީ ލެޕިޑްއެވެ. އޭނާއަކީ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެވެ.

މިއީ، އިސްރާޢީލަށް މި ވަގުތު އޮތް އެންމެ ރަނގަޅު މަގު ކަމުގައި ވެރިކަމުން ވަކިވެވަޑައިގަންނަވާ ބެނެޓް ވިދާޅުވިއެވެ. ނަމަވެސް، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމަށް އެނބުރި ވަޑައިގަތުމަށް ކުރައްވާ ހުރިހާ މަސައްކަތެއް ހުއްޓުވާނެ ކަމަށް ބެނެޓްގެ ކެބިނެޓުގެ މިނިސްޓަރުން ވިދާޅުވިއެވެ.

އިސްރާޢީލުގައި އަންނަ އޮކްޓޫބަރު މަހުގައި އައު އިންތިޚާބެއް ބާއްވާނެ ކަމަށް ބެލެވޭއިރު، މިއީ ނަތަންޔާހޫއަށް އުފާވެރި ޚަބަރެކެވެ. ބެނެޓްގެ ކޯލިޝަން ރޫޅުމަކީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ. އިންތިޚާބުގައި އޭނާގެ ލިކޫދް ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 30 ގޮނޑި ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވޭއިރު، އޭނާއަށް ވެސް ވެރިކަން ކުރެވޭނީ ކޯލިޝަނެއް ހައްދަވައިގެންނެވެ.

ނަމަވެސް، ބެނެޓްގެ ސަރުކާރުގެ މާލީ ވަޒީރު އެވިގްދޯ ލީބަމަނާއި ޖަސްޓިސް މިނިސްޓަރު ގިޑިއޯން ސާރް ވަނީ، ނަތަންޔާހޫއާ އެކު ކޯލިޝަން ހެދުމާ ދެކޮޅު ކަން ހާމަކުރައްވާފައެވެ. އިސްރާޢީލުގައި މި ވަގުތު ވެރިކަން ކުރަނީ އަށް ޕާޓީއެއްގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނަކުންނެވެ. އެ ޕާޓީތަކުގެ ތެރޭގައި ޢަރަބިން ތަމްސީލު ކުރާ ޕާޓީތައް ވެސް ހިމެނެއެވެ.