ކުޅިވަރު

ރިސޯޓް ލީގު: ދާލު ޒޯނުގެ ތަށި ކަނޑިންމައިން ދިފާއުކޮށްފި


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ދާލު ޒޯނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކަނޑިންމަ މޯލްޑިވްސްއިން ހޯދައިފިއެވެ.

ކަނޑިންމައިން ޗެމްޕިއަންކަން ހޯދީ އަންގާރަ ދުވަހުގެ ހަވީރު އެ ރިސޯޓުގައި ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ނިޔާމަ ޕްރައިވެޓް އައިލެންޑް 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

އެންމެފަހުން 2020 ވަނަ އަހަރުގެ މުބާރާތުގެ ދާލު ޒޯނުގެ ޗެމްޕިއަނުންނަކީވެސް ކަނޑިންމައެވެ. މިއީ މި މުބާރާތް އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުވެސް ކަނޑިންމައިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗުގައި އެންމެ ފުރަތަމަ ކަނޑިންމައިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ފަހު ވަގުތު ނިޔާމައިން ގާތްގާތުގައި ޖެހި ދެ ލަނޑާއެކު، މެޗުގެ ވާދަވެރިކަން ބޮޑުވެގެންދިޔައެވެ. އަދި ނިޔާމައިން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކަނޑިންމަގެ ޑިފެންސް ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

ދެ ރިސޯޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗަށްފަހު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި ހަތަރު ރިސޯޓު ވާދަކުރި މި ޒޯނުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި މުޅި ޒޯނުން އެންމެ މޮޅު ކުޅުންތެރިޔާ ވަނީ ހޮވާފައެވެ.

އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލުކުރި ކުޅުންތެރިއަކީ ކަނޑިންމަގެ އިބްރާހިމް ރަފްހާމެވެ. އޭނާ ވަނީ މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ލަނޑު ޖަހާފައެވެ.

މުބާރާތުގެ ދާލު ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ނިޔާމަ ޓީމަށް ކުޅުނު ދެބެއިން ކަމަށްވާ އާލިމް އަލީ އާއި އާމިލް އަލީގެ އިތުރުން ކަނޑިންމަގެ ރީހާން ނިޔާ އާއި، މުހައްމަދު ޝާހު އަދި އިބްރާހިމް ރަފްހާނެވެ. މި އަހަރުގެ މުބާރާތުގެ ދާލު ޒޯނުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑިންމަގެ މުހައްމަދު އަޔާޒެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު މެދުކަނޑާލި މި މުބާރާތް މި އަހަރު އަނެއްކާވެސް ފެށިއިރު، މިއަހަރުގެ ކުރިޔަށްއޮތް ތަނުގައި ގިނަ ޒޯނުތަކެއްގައި މި މުބާރާތް ކުރިޔަށްދާނެއެވެ. އެގޮތުން އެންމެ އަވަހަށް ދެން އޮތީ ސައުތު އަރި ޒޯނުގެ ކުޅުމެވެ. އެ ޒޯނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައެވެ. އަދި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.