ކުޅިވަރު

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް: އާން، މުބާލް އަދި ހަމްނާ ގައުމީ ރިކޯޑު އާކޮށްފި


ހަންގޭރީގެ ބުޑަޕެސްޓުގައި މިހާރު ކުރިއަށްދާ 19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުޙައްމަދު އާން ހުސައިން އާއި، މުބާލް އައްޒާމް އިބްރާހީމް އަދި ހަމްނާ އަޙްމަދު ގައުމީ ރިކޯޑުތަކެއް އާކޮށްފިއެވެ.

އެގޮތުން އާން އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. އާން މި ރިކޯޑު އާކޮށްފައިވަނީ 1 މިނެޓު 5.77 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓްގެ ގައުމީ ރިކޯޑު އެންމެފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު ގޯލްޑަން އޯލާންޑޯ އިވެންޓުގައި އަލީ އިމްއާނެވެ. އެ ފަހަރު 100 ބެކްސްޓްރޯކް އިވެންޓް އިމްއާން ނިންމާފައިވަނީ 1 މިނެޓު 9.07 ސިކުންތުންނެވެ.

ދެން މި ފަހަރުގެ މުބާރާތުގައި މުބާލް ރިކޯޑު އާކުރީ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެއެވެ. މި ރިކޯޑު މުބާލް އާކޮށްފައިވަނީ 2 މިނެޓު 36.74 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2019 ވަނަ އަހަރު ބޭއްވި 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ގައި އަޙްމަދު އައްޒާން ޒާހިދެވެ. އެ މުބާރާތުގައި 200 މީޓަރު ބަޓަފްލައި އިވެންޓް އައްޒާން ފުރިހަމަކޮށްފައިވަނީ 3 މިނެޓު 3.11 ސިކުންތުންނެވެ.

މިއީ މި މުބާރާތުގައި މުބާލް އާކުރި ދެވަނަ ގައުމީ ރިކޯޑެވެ. އެގޮތުން މީގެކުރިން އޭނާ ވަނީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ ރިކޯޑު އާކުރީ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެއެވެ. ހަމްނާ މި ރިކޯޑު އައުކޮށްފައިވަނީ 34.53 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 35.41 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ބުޑަޕެސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުންތެރިން އަންނަނީ ވާދަކުރަމުންނެވެ.