ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ޕްލޭއޮފް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ވެމްކޯ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގު ބުރުގައި ސިފައިން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ ކުޅުނު ޕްލޭއޮފް މެޗުގައި ސީދާ ތިން ސެޓުން ސިފައިން ބަލިކޮށް، ވެމްކޯއިން ވަނީ ބަދަލު ހިފާފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ވެމްކޯއިން ވަނީ އެ ދެ ސެޓުގެ ފަހު ބައިގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެއާއެކު ފުރަތަމަ ދެ ސެޓު ވެމްކޯއިން ގެންދިޔައީ 25-18 އަދި 25-22 އިންނެވެ.
މި މެޗުގައި ވެމްކޯއިން ރަނގަޅު ޑިފެންސެއް ކުރިއިރު، ތިންވަނަ ސެޓުގެ ކުރީކޮޅު ސިފައިން ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އެއާއެކު ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ އަޝްވަލް ރާއިގެ މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ 25-22 އިން ތިންވަނަ ސެޓު ގެންގޮސް، ފައިނަލުގެ ޖާގައެއް ހޯދާފައެވެ.
މި މުބާރާތުގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ވެމްކޯ ކުޅެން ޖެހޭނީ ލީގު ބުރުގެ އެއްވަނަ ހޯދި ސްޕޯޓްސް ކުލަބު ސިޓީއާ އެވެ. މިއީ ސިޓީ އާއި ވެމްކޯ ކުޅޭ ފުރަތަމަ ފައިނަލެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ވެމްކޯ ވަނީ މޮޅުވެފައެވެ. ވެމްކޯ އެ މެޗުން މޮޅުވީ 3-1 ސެޓުންނެވެ.