ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ޔޫވީ ގަދަ ތިނަކަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޔޫވީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސްއެވެ.

އޭގެ ފަހުން ދަ ގްރާންޑޭއިން ޔޫވީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެޓީމާ އަލަށް ގުޅުނު އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްގެ ހަމަލާއެއް ޔޫވީގެ ގޯލްކީޕަރު އަޙްމަދު އަނަފް ޒަރިޔަންދު ވަނީ ދިފާއުކޮށްފައެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ދާދި ފަހުން ދަ ގްރާންޑޭއަށް ބަދަލުވި އަބްދުﷲ ޖުނައިދު (ޖެންނޭ) ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިިގެން ދަ ގްރާންޑޭގެ ހޫޑޯ އާއި އިބްރާހީމް މަފާޒް ފުލުފުލުގައި ފޮނުވާލި ހަމަލާތައް ޔޫވީގެ ގޯލްކީޕަރު އަނަފް ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ 81 ވަނަ މިނެޓުގައި ޔޫވީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލަމާމް ޒުހެއިރުއެވެ. އެކަމަކު މެޗުގެ 87 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަފާޒްއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައަށް ޔޫވީ ޖެހިލީ ކުޅުނު 13 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް 12 މެޗުން 17 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ދަ ގްރާންޑޭ ފުލުގައި އޮތީ މެޗަކުން މޮޅެއް ނުލިބި، އެންމެ ޕޮއިންޓަކާއެކުއެވެ.