ކުޅިވަރު

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް: ސައުސަން އާއި މުބާލް ގައުމީ ރިކޯޑު އާކޮށްފި


ހަންގޭރީގެ ބުޑަޕެސްޓުގައި މިހާރު ކުރިއަށްދާ 19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕުގައި 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރިކޯޑު އައިޝަތު ސައުޝަން އާކުރިއިރު، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މުބާލް އައްޒާމް އިބްރާހީމް އާކޮށްފިއެވެ.

ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ 01.18.76 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް މީގެ ކުރިންވެސް އޮންނަނީ ސައުސަން އަތުގައެވެ. މީގެ ކުރިން ސައުސަން މި ރެކޯޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 01.18.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 05.14.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަކޮށްފައިވަނީ 05.35.41 އިންނެވެ. މިއީ 20.50 ސިކުންތުގެ ކުރިއެރުމެކެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އާކޮށްފައެވެ.