ކުޅިވަރު

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް އަޒްޔާން


ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖެއްސިއިރު، ވައިސް ކެޕްޓަންގެ މަގާމަށް އާދަމް ނާސިފް އުމަރު (އާދަޅޭ) ހަމަޖައްސައިފިއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން އެންމެ ފަހުން ބޭއްވި މުބާރާތުގައި ކޮށްފައިވަނީ މުޙައްމަދު މަޙްފޫޒް (މަހޭ) އެވެ. އެކަމަކު އަންނަ މަހު މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސްއަށް މަހޭ ނުދާތީ، އެ މުބާރާތުގެ ކުރިން ގައުމީ ޓީމުގެ އައު ކެޕްޓަނަކަށް އަޒްޔާން ހަމަޖައްސައިފައިވަނީ ހޯމަ ދުވަހުއެވެ.

ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދި އަޒްޔާން ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

ކްރިކެޓް އާއިލާ އަކަށް ނިސްބަތްވާ އަޒްޔާންގެ ކާފަ، އަޙްމަދު ޖަލީލް އާއި ބައްޕަ، ފަރުހަތު ޖަލީލް އަދި ބޭބެ، ޝަފްރާޒް ޖަލީލަކީ މުޅިން ގައުމީ ކްރިކެޓް ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ލިބުމާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އަޒްޔާން ބުނީ ޖަލީލް މާލަމުގައި އޭނާއަށް ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ހަވާލުކުރުމަކީ އެކަން އިތުރަށް ޚާއްސަވި ސަބަބެއް ކަމަށެވެ. އަދި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ ޖުލައި މަހުގެ 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސްގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން އަދި ތައިލެންޑެވެ. މީގެ ކުރިންވެސް ރާއްޖޭން ވަނީ މި ފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖެ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ޝާޒް ހަބީބެވެ.