ޚަބަރު

ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިއްގި މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފި


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް ތިއްބެވިއެވެ. އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ހަމަލާދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.