ޚަބަރު

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ކޯވިޑަށް ޕޮޒިޓިވްވުން އިތުރުވަނީ


ދުވަސްތަކަކަށްފަހު ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ. ޕޮޒިޓިވްވަމުންދާ ކޭސްތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ހިމެނޭތީ އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 405 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބަލި ޖެހުނު 231 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 95 މީހަކާއި އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 79 މީހެކެވެ. ކޯވިޑްޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 17 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 180384 އަރާފައެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު މިބަލީގައި ގިނަ މަސްތަކެއް ފާއިތުވިފަހުން ފުރަތަމަ ފަހަރަށް އާދިއްތަ ދުވަހުވަނީ މިބަލީގައި މީހަކު ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 300އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ސިއްހީ ދާއިރާއަށް އިތުރު ކަންބޮޑުވުމެއް މިހާރުވަނީ ކުރިމަތިވެފައެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ބައްޔަށް ޕޮޒިޓިވްވާކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ. މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚައްސަ ޑޮކްޓަރ، މުޙައްމަދު ޢަލީ ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން ދޭހަވަނީ މުޖުތަމަޢުގައި ބަލި އޮތް މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަންކަމުގައެވެ. އެހެންކަމުން ބަލި މީހުންނަށް ޒިޔާރަތްކުރުމުގައި ސަމާލުވުމަށާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުން މަދުކުރުމަށް ޑރ.މުޙައްމަދު ޢަލީވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް ބަލި އިތުރުވަމުންދިޔުމާއި ގުޅިގެން ބޭރުތެރޭގައި އުޅޭއިރު މާސްކްއެޅުމަށާއި ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ކުރިއަށްއޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުމުގައާއި ޢީދު ޙަރަކާތްތައް ބޭއްވުމުގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީވެސް މުހިއްމުކަމެކެވެ.