ދުނިޔެ

އީ.ޔޫ. ސަމިޓާއެކު ރަޝިޔާގެ ހަމަލާތައް ވަރުގަދަ ކުރާނެ: ޔޫކްރެއިން


ޔޫކްރެއިނަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މެންބަރުކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި ބާއްވާ ސަމިޓާ ގުޅުވާ ރަޝިޔާގެ އުދުވާންތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ. އެ ޤައުމުގެ ރައީސް ވޮލޮޑޮމީޓް ޒެލެންސްކީ ވިދާޅުވީ، އަންނަ ހަފުތާގައި ރަޝިޔާގެ އަސްކަރީ ހަރަކާތްތައް އިތުރުކޮށް، ވަރުގަދަ ކުރާނެ ކަމުގައެވެ. އަދި، އެ ކަމަށް ރައްދު ދޭން ތައްޔާރުވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އީ.ޔޫ.ގެ މެންބަރަކަށް ވުމަށް ޔޫކްރެއިނުން ހުށަހަޅާފައި ވަނީ ރަޝިޔާއިން ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ޤައުމުގެ ސަރަޙައްދުތަކަށް އަރައި ހަނގުރާމަ ފެށުމުގެ ހަތަރު ދުވަސް ފަހުންނެވެ. އީ.ޔޫ.ގެ އެންމެ މަތީ އިދާރާ ކަމުގައިވާ ޔޫރަޕިއަން ކޮނިޝަނުން ވަނީ ޔޫކްރެއިންގެ ހުށަހެޅުން ބަލައިގަނެފައެވެ. އަދި، މި ކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމާނީ، އަންނަ ހަފުތާގައި ބާއްވާ އީ.ޔޫ.ގެ ސަމިޓުގައެވެ. ނަމަވެސް، އީ.ޔޫ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ޔޫކްރެއިނަށް އަހަރުތަކެއް ނަގާނެއެވެ.

ޔޫކްރެއިން އީ.ޔޫ.ގެ މެންބަރަކަށް ވުމަކީ ރަޝިޔާއިން ނުޤަބޫލު ކަމެކެވެ. އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ އަމާޒަކީ، އީ.ޔޫ.އާއި އެ ސަރަޙައްދުގެ އަސްކަރީ ގުޅުން ކަމުގައިވާ ނޭޓޯގެ ބާރު ރަޝިޔާއާ އިންވެގެން އޮތް ޤައުމުތަކަށް ފޯރިޔަ ނުދިނުމެވެ. ނަމަވެސް، ޔޫކްރެއިނުން އީ.ޔޫ.އާ ގުޅުމާ މެދު އެއްވެސް އިޢުތިރާޒެއް ނެތް ކަމުގައި ޕުޓިން ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، އީ.ޔޫ.އަކީ އަސްކަރީ ގުޅުމަކަށް ނުވުމެވެ.

ނަމަވެސް، އީ.ޔޫ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުން އިތުރުވުމުގެ ސަބަބުން، މި ކަން ވަރަށް ގާތުން ބަލަމުންދާނެ ކަމުގައި ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނެއް ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިން ހަނގުރާމައަށް ބަލައިލާއިރު، އެ ޤައުމުގެ ޑޮންވެސް ސަރަހައްދު ހިފުމަށް ރަޝިޔާގެ އަސްކަރިއްޔާއިން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާގެ އުދުވާންތައް މިހާރު އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ސިއެވޮރޮދޮނެޓްސްއަށެވެ. އަދި, އެ ރަށާ އިންވެގެން އޮންނަ މެޓިޔޮލްކީން މިހާރު ވަނީ ރަޝިޔާ ސިފައިންގެ އަތް ދަށަށް ގެންގޮސްފައެވެ.

އެމެރިކާގެ ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ “ސްޓަޑީ އޮފް ވޯ” އިން ބުނީ، ސިއެވޮރޮދޮނެޓްސްކް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ސިއެވޮރޮދޮނެޓްސްކްގެ ބޮޑު ސަރަޙައްދުތަކެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި، އެ ރަށާ އިންވެގެން އޮންނަ ލިސިޝެންސްކްގައި ވެސް ޢިމާރާތްތައް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އެ ރަށަށް ރަޝިޔާ ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމަށް ޔޫކްރެއިނުން ބުނެއެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމަ އެތަކެއް އަހަރުތަކަކަށް ދިގުދެމިގެން ގޮސްދާނެ ކަމުގެ އިންޒާރު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގ ވަނީ ދެއްވާފައެވެ. އަދި، ޔޫކްރެއިންގެ މިނިވަން ކަމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ވިލާތާއި އެމެރިކާގެ އެހީތެރިކަން، ވަކިން ޚާއްޞަކޮށް އަސްކަރީ އެހީތެރިކަން، ބޭނުންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ނާޒީންގެ ކިބައިން އެ ޤައުމު މިނިވަން ކުރުމަށް ހިންގާ ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައެވެ.