ދުނިޔެ

އައި.އެމް.އެފް.ގެ ވަފުދެއް ސްރީލަންކާއަށް


ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ވަފުދެއް އެޤައުމަށް ގޮސްފިއެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސް، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިނުގަނެވި މި ވަގުތު އެ ޤައުމު އޮތީ ބަނގުރޫޓު ވުމުގެ ހާލަތާ ކުރިމަތިލާން ޖެހިފައެވެ. މިއީ، 1948 ވަނަ އަހަރު އެ ޤައުމަށް މިނިވަން ކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއެވެ.

އެ ޤައުމަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ދުނިޔޭގެ އެހީތެރިކަމަށް އެ ޤައުމުން އެދިފައިވާ އިރު، އައި.އެމް.އެފް.އިން ބުނީ، އެ ޤައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމުގައެވެ. އަދި ލަންކާއަށް އިތުރު ރެސްކިޔު ޕުރޮގުރާމެއް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. މިއީ، އައި.އެމް.އެފް.އިން ލަންކާއަށް މިފަދަ ޕުރޮގުރާމެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ 17 ވަނަ ފަހަރެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ފަދަ އިދާރާތަކުން ފައިސާ ހޯދުމުގައި ވެސް އައި.އެމް.އެފް.ގެ އެހީތެރިކަން ބޭނުންވާ ކަމުގައެވެ. އައި.އެމް.އެފް.ގެ ވަފުދާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އެހެން ޤައުމުތައް މެދުވެރިކޮށް ސްރީލަންކާއިން ނަގާފައިވާ ދަރަނި ދެއްކުން ފަސްކޮށްގެން ނޫނީ، މި ހާލަތުން އަރައި ނުގަނެވޭނެ ކަމަށް މާހިރުން ބުނެއެވެ.

މިފަދަ މާލީ ޕެކޭޖެއް މެދުވެރިކޮށް ފައިސާ ދޫކުރުމަކީ ގިނަ ދުވަސްތަކެއް ހޭދަވާ ކަމެކެވެ. އެހެންކަމުން، ސްރީލަންކާގެ ރައްޔިތުން މިހާރު ތަޙައްމުލު ކުރަމުންދާ ދަތި ހާލަތުން އަރައިގަތުމަށް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. އެ ޤައުމުގައި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި، ކާބޯތަކެއްޗާއި ތެލާއި ބޭހާއި އެހެނިހެން ޒަރޫރީ ތަކެތި ދަނީ ހުސްވަމުންނެވެ.