ކުއީންސް ކުލަބު ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަންކަން ދެވަނައަށް ސީޑް ކޮށްފައިވާ އިޓަލީގެ މަޓިއޯ ބެރެޓީނީ ހޯދައިފިއެވެ.
މިއީ އޭނާ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
މި މުބާރާތް ބެރެޓީނީ ކާމިޔާބުކުރީ ފައިނަލް މެޗުގައި ސާބިއާގެ ފިލިޕް ކްރަޔިނޯވިޗާ ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ހަތަރަކުންނެވެ.
މި ކާމިޔާބީއާއެކު ބެރެޓީނީ މިވަނީ އޭނާ އެންމެ ފަހުން ގްރާސް ކޯޓްގައި ކުޅުނު 21 މެޗްގެ ތެރެއިން 20 މެޗް ކާމިޔާބުކޮށްފައެވެ. އޭނާ ބަލިވެފައިވަނީ މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް އަތުންނެވެ.
ކަނާތު އަތް އޮޕަރޭޝަން ކުރުމަށްފަހު ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރި ބެރެޓީނީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިވަނީ މިދިޔަ ހަފުތާގައި ސްޓުޓްގާޓްގައި އޮތް މުބާރާތަށެވެ. ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ބެރެޓީނީ ބުނީ އަނިޔާއިން އެނބުރި އައިސް ޖެހިޖެހިގެން ދެ ތަށި ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
މި ކާމިޔާބީއާއެކު މިމަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވިމްބަލްޑަލް ޓެނިސް މުބާރާތް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ކުޅުންތެރިންގެ ލިސްޓަށް ބެރެޓީނީ ވަނީ އަރާފައެވެ.