ކަނޑިންމަ މޯލްޑިވްސްއިން އިޓަލީގެ ފުޓްބޯޅަ ދެ ތަރިންނާއެކު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ޚާއްސަ ތަމްރީނު ކޭމްޕެއް ބާއްވައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ކަނޑިންމަ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކޭމްޕުގައި ބައިވެރިވީ އޭސީ މިލާނުގެ ވައިސް ކެޕްޓަން ޑޭވިޑޭ ޑޭވިޑޭ ކަލާބްރިއާ އާއި ވުލްވްސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އެމްޕޯލީއަށް ކުޅެމުން އަންނަ ޕެޓްރިކް ކުޓްރޯނޭއެވެ.
މަންޓާ އެއާ އާއި ޕްލެންކްޓަން މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރި މި ކޭމްޕަކީ ރާއްޖޭގެ ހުނަރުވެރި 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް، އިޓަލީގެ މަތީ ފެންވަރުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނާއެކު ތަމްރީނު ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަން ސާބިތުވެގެން ދިޔައެވެ.
މި ތަމްރީނުތަކަށްފަހު ވާހަކަދައްކަމުން ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ އިބްރާހީމް ޝަރީފް މުޙައްމަދު ބުނީ މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، މި ކޭމްޕުގެ ތެރެއިން އެ ކުޅުންތެރިން ކައިރިން ދަސްވާނެ އެއްޗެހި ގިނަކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
"އެ މީހުން ކިޔާދިނުމާ އެއްޗެހި އިޓަލީ ފެންވަރުގައި ހުންނަނީ. ވަރަށް ފަސޭހައިން ގެޓުވޭ އެ މީހުން ކިޔާ އެއްޗެއްސާ އެއްޗެހި. މިއީ ކޮންމެއަކަސް ވަރަށް ރަނގަޅު އެކްސްޕީރިއެންސެއް.އިބްރާހީމް ޝަރީފް މުޙައްމަދު
އަންނަ މަހު އިންޑިއާގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޒުވާން ޓީމު ތައްޔާރުވަމުން އަންނައިރު، ޓީމަށް އިރުޝާދުދެނީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ކަނޑިންމައިގައި ކުރިއަށްދިޔަ މި ކޭމްޕުގައި ޝާކިއްޓެ ބައިވެރިވިއިރު، އިޓަލީގެ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނަށްވެސް އޭނާ ވަނީ އިރުޝާދުދީފައެވެ.
މީޑިއާއާ ވާހަކަދައްކަމުން ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ފާލިލް ފާއިގް ބުނީ މި ކޭމްޕުގެ ތެރެއިން އެ ކުޅުންތެރިންގެ ފެންވަރާއި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރުގެ ތަފާތުކަން ފެނިގެންދިޔަ ކަމަށެވެ. އެހެންކަމުން އެ ކުޅުންތެރިންގެ އިރުޝާދު ލިބުމާއެކު، މިއީ ކެރިއަރުގައި ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"އަސްލު މިތާ ދެން މި ކުޅެލީމަވެސް އެ މީހުންގެ ލެވަލްއާ މިތާ އުޅޭ މީހުންގެ ލެވަލްއާ ތަފާތުކަން ފެނޭ. ދެން އެ މީހުން ކިޔައިދިނީމަވެސް އެކަންކަން ރަނގަޅުކޮށްގެން، އަސްލު ވަރަށް ރަނގަޅު އެކްސްޕީރިއެންސެއް މިއީ.މުޙައްމަދު ފާލިލް ފާއިގް
މީޑިއާ އާއި ދިވެހި ކުޅިވަރުގެ އެކި އިސް ފަރާތްތަކަށްވެސް ކަނޑިންމައިން ދައުވަތު ދިން މި ހަރަކާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގު (މަރޭ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކަނޑިންމައިގައި ކުރިއަށްދިޔަ މި ކޭމްޕުގައި ބައިވެރިވި ކަލާބްރިއާ އާއި ކުޓްރޯނޭ އަކީ އިޓަލީގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކުޓްރޯނޭ ބުނީ ޓްރެއިނިން ސެޝަނުގައި އެ ކުދިންނަށް އިރުޝާދުނީ ޖޯޝާއި ޝައުގުވެރިކަމާއެކު ތަމްރީނުތައް ހެދުމަށް ކަމަށެވެ. އަދި އެ ކުދިންނަކީ ފުޓްބޯޅައަށް ލޯބިކުރާ ކުދިންތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"އަހަރެންނަށް ފެންނަ އެއްޗަކީ މި ކުދިންގެ ޝައުގުވެރިކަން. ފުޓްބޯޅައިގައި ނުވަތަ ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ޝައުގުވެރިކަން. އެހެނީ އެ ޝައުގުވެރިކަމާއެކު ކޮންމެ ކަމެއްވެސް ކުރެވޭނެ.ޕެޓްރިކް ކުޓްރޯނޭ
ކަނޑިންމަގެ ދަތުރާ ގުޅޭ ގޮތުން ކުޓްރޯނޭ ބުނީ އެ ރިސޯޓުން ވަރަށް ރަނގަޅު ޚިދުމަތެއް އޭނާއަށް ލިބިގެންދާ ކަމަށެވެ. އެގޮތުން ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް އެ މަންޒަރު ފެނިގެންދާ ކަމަށާއި، އެހެންކަމުން ކަލާބްރިއާ އާއެކު އެހެން ދަތުރެއްގައި އެނބުރި އަންނާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކަނޑިންމަ މޯލްޑިވްސް އަދި ނޮވާ މޯލްޑިވްސްގެ ކްލަސްޓާ ޑިރެކްޓަރު އޮފް މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް ނީރަޖް ސެތު ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރަނީ މެހެމާނުންނާއި މުވައްޒަފުންނާ ގުޅިގެން މަޝްހޫރު ފުޓްބޯޅަ ތަރިން ގެނައުން ފަދަ އިނޮވޭޓިވް އަދި ފައިސާއަށް ނުގަނެވޭނެ ތަޖުރިބާތައް ގެނައުމަށް ކަމަށެވެ. އަދި އެކްޓިވް ލައިފްސްޓައިލް ތަޖުރިބާތަކަށް މަޝްހޫރު ކަނޑިންމަ މޯލްޑިވްސްގައި ކުޅިވަރަކީ މުހިންމު ހުށަހެޅުމެއް ކަމަށާއި، އެހެންކަމުން ގެސްޓުންނަށް އަގުނުކުރެވޭ ތަޖުރިބާތަކެއް ގެނެސް، ބްރޭންޑުގެ ވައުދު މަތިކުރުމަށް އުއްމީދުކުރާ ކަމަށްވެސް ނީރަޖް ވިދާޅުވިއެވެ.
ކަނޑިންމަގެ އެހީތެރިކަމާއެކު ރާއްޖޭގެ ޒުވާން ޓީމަށް އެ ރިސޯޓުގައި ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު، ކަނޑިންމައިން ވަނީ އެ ދެ ތަރިންނާއެކު އިތުރު ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ތަމްރީނު ކޭމްޕަށް ފަހު ކަލާބްރިއާ އާއި ކުޓްރޯނޭގެ މެދުގައި ޚާއްސަ މެޗެއް ކުޅުނުއިރު، އެ ކުޅުންތެރިންނާއެކު ހަރަކާތްތެރިވެ ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.
ދ. އަތޮޅުގައި 2015 ވަަނަ އަހަރު ފެށި ކަނޑިންމަ ރިސޯޓަކީ ފަހަކަށް އައިސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުން އަންނަ ރިސޯޓެކެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ ދާލު ޒޯނުގެ ކުޅުން މި އަހަރުވެސް ކުރިއަށްދަނީ އެ ރިސޯޓުގައެވެ.