ދުނިޔެ

ސަޢޫދީ ވަލީއަޙުދު މިޞްރަށް ވަޑައިގަންނަވަނީ


ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ހޯމަ ދުވަހު މިޞްރަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން މިޞްރުގެ އިތުރުން ޢުރުދުނާއި ތުރުކީ ވިލާތަށްވެސް އޭނާ ވަޑައިގަންނަވާނެއެވެ.

މިޞްރަށް ކުރައްވާ ދަތުރުފުޅުގައި އޭނާ އެ ޤައުމުގެ ރައީސް ޢަބްދުފައްތާޙް އަލްސީސީއާ ބައްދަލު ކުރައްވާ، ގިނަ ދާއިރާތަކަކުން މަޝްވަރާ ކުރައްވާނެއެވެ. މީގެ ތެރޭގައި، ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިޞްރުގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންނަ ޖުލައި މަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ މިޞްރާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އަދި، އެ ޤައުމުގެ ވެރިކަމާ ސީސީ ހަވާލުވެވަޑައިގަތް ފަހުން ސަޢޫދީ ޢަރަބިއްޔާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަން ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގުތައް އުފުލި މިޞްރުގެ އިޤްތިޞާދަށް އެ ކަމުގެ އަސަރު ކުރަން ފެށުމުން ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެ ޤައުމަށް މާލީ އެހީގެ ގޮތުގައި ފަސް ބިލިޔަން އެމެރިކާ ޑޮލަރު ދީފައެވެ.

މީގެ އިތުރުން، އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) މެދުވެރިކޮށް ފައިސާ ދީފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ ސޮވެރެން ވެލްތް ފަންޑު މެދުވެރިކޮށް ވެސް އެ ޤައުމަށް 10 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެ ކަމަށް މިޞްރުން ބުނެއެވެ. މިޞްރަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، މުޙައްމަދު ބިން ސަލްމާން ދެން ވަޑައިގަންނަވާނީ ތުރުކީވިލާތަށެވެ.